އޭސީސީގެ ފަސް މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމިޓީއަށް ހުށަހަޅައިފި

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު — ސަންފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަސް މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އޭސީސީގެ ފަސް މެމްބަރުން ވަކިކުރުގެ މަސައްކަތް ކުރިއަށް ގެންދަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

މިއަދު ބޭއްވި މިނިވަން މުއައްސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ހަސަން އަހުމަދު ވިދާޅުވީ އޭސީސީގެ ފަސް މެމްބަރުން އެއްކޮށް ވަކިކުރަން އޭނާ ހުށަހަޅުއްވަނީ އެ މެމްބަރުން ހޮވުމަށް ފަހުވެސް ހިނގާދިޔަ ވައްކަމުގެ މައްސަލަތައް ބަލާފައި ނުވާތީ ކަމަށެވެ.

"އެމީހުން ހޮވުމަށް ފަހު އެތައް މައްސަލަތަކެއް އެތައް ގޮތަކަށް ދިވެހިރާއްޖޭގައި ވައްކަމުގެ އެތައް މައްސަލައެއް ފުނިޖެހިފައިވާއިރު އެއިން އެއްވެސް ކަމަކަށް ހައްލެއް ލިބިފައި އަދި އެކަށީގެންވާ މަސައްކަތެއް އެކަމުގައި ކުރެވިފައި ނުވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ" މެމްބަރުން ހަސަން އަހުމަދު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އެމައްސަލަ މާދަމާގެ ކޮމިޓީގެ ބައްދަލުވުމަށް ތާވަލު ކުރައްވާނެ ކަމަށެވެ. އާންމުކޮށް ކޮމިޓީއަށް މެމްބަރަކު ހުށަހެޅުމެއް ހުށަހަޅައިފި ނަމަ ވޯޓަށް އެހި ނަމަވެސް މިއަދު އެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.

އޭސީސީގެ މެމްބަރުން މައްސަލަތައް ބެލުމުގައި ލަސްވާތީ އަދި ބައެއް މައްސަލަތައް ނުބަލާ ކަމުގެ ތުހުމަތުގައި އެތައް ފަހަރެއްގެ މަތިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައިވެސް ވަނީ އޭސީސީގެ މެމްބަރުންނަށް ފާޑު ވިދާޅުވެފަ އެވެ.

މެމްބަރުން ފާޑުކީ އެއް ކަމަކީ ބޮޑެތި ވައްކަމުގެ މައްސަލަތައް ބެލުމުގައި ލަސް ކުރާ ކަމަށް ބުނެ އެވެ. އަދި ކުދި މައްސަލަތައް ބަލަން ބޮޑެތި ހަރަދުތަކެއް ކުރާއިރު މައްސަލަ ބަލަން ކުރާ ހަރަދުވެސް ނުލިބޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޖިލީހުން މިނިސްވަން މުއައްސަސާއެއްގެ މެމްބަރަކު ވަކުކުރެވޭނީ މަޖިލީހުގެ ރިޔާސަތުން އެ މެމްބަރަކު ވަކު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އިއުލާނުކޮށް ދެން ކޮމިޓީއިން ވަކިކުރަން ނިންމައި މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓު ފޮނުވައި ފާސްކުރުމުންނެވެ.

comment ކޮމެންޓް