އެމެރިކާ އާއި ޔޫކޭ އަކީ ދެފުށްކެހެރި ބައެއް: މޮރިޝަސް

ޗޭގޯސް އައިލެންޑް-

އެމެރިކާއާއި އިނގިރޭސިވިލާތަކީ ކިތަންމެ ބޮޑަށް އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާ ގައުމުތަކެއް ނަމަވެސް އެއީ ދެފުށްކެ ހެރި ބައެއްކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވެއްޖެެ އެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުން އޮންނަ ޗޭގޯސް އައިލެންޑްސްގެ މައްސަލައިގަ އެވެ.

އިނގިރޭސިވިލާތުން މިލްކުވެރިކަމަށް ދައުވާކުރާ ޗޭގޯސް އައިލެންޑްސްގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް މިހާރު ދަނީ ހިންގަމުންނެވެ.

އެތަނުގެ މިލްކުވެރިކަމަށް މޮރިޝަސްއިން ވެސް ދައުވާކުރެ އެވެ. ނަމަވެސް އިނގިރޭސިވިލާތުން އެކަމާ ދެކޮޅު ހަދަ އެވެ.

މޮރިޝަސްއިން ބުނީ އެގައުމަށް މިނިވަންކަން ދޭން އިނގިރޭސިވިލާތުން އެއްބަސްވީ ޗޭގޯސް އައިލެންޑްސް ދޫކޮށްލާ ގޮތަށް ކަމަށެވެ.

އިނގިރޭސިވިލާތުން ވަނީ 1968 އާއި 1974 ވަނަ އަހަރާ ދެމެދު ޗޭގޯސް އައިލެންޑްސްގައި ތިބި މީހުން މޮރިޝަސް އަދި ސީޝަލްސްއަށް ގަދަކަމުން ގެންގޮސްފަ އެވެ. އެ މީހުން އެގައުމުގައި ދިރިއުޅެނީ ވަރަށް ނިކަމެތި ހާލުގަ އެވެ.

މޮރިޝަސްގައި ދިރިއުޅޭ ޗޭގޯސް އައިލެންޑްސްގެ މީހުންނާއި އެމީހުންގެ ދަރިން ވަނީ މޮރިޝަސްގެ ވެރިރަށް ޕޯޓްލުއިސްގައި އެއްވެ މުޒާހަަރާކޮށްފަ އެވެ.

އެ މުޒަހަރާގެ މީހުންނާ މުޚާތަބްކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވީ އެމެރިކާ އަދި އިނގިރޭސިވިލާތުން އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަަމަށެވެ. އެމަނިކުފާނު ޔޫކޭ އަދި އިނގިރޭސިވިލާތް ސިފަކުރެއްވީ ދެފުށްކެހެރި ގައުމުތަކެއްގެ ގޮތުގައެވެ.-- ބީބީސީ--

ގުޅޭ ޓެގު
comment ކޮމެންޓް