ވެންޓިލޭޓަރު މައްސަލަ ފުލުހުންނާ ގުޅިގެން އަލުން ބަލާނަން: އޭސީސީ

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުންނާ ގުޅިގެން އަލުން ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ.

ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 މީހަކަށް ދައުވާ ކުރަން މީގެ ކުރިން އޭސީސީއިން ވަނީ އެދިފަ އެވެ. ނަމަވެސް، ޕީޖީ އޮފީހުން މިއަދު ބުނެފައި ވަނީ އެ މީހުންނަށް ދައުވާ ނުކުރަން ޕީޖީއިން ނިންމާފައިވާ ކަމަށެވެ. ދައުވާ ނުކުރަން ނިންމީ އޭސީސީއަށް އެކަށީގެންވާ ވަރަށް ހެކި ހޯދިފައި ނުވާތީ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ސަބަބުތައް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ފާހަގަ ކުރި ނުކުތާތަކަށް ބަލައިގެން، ފުލުހުންނާ ގުޅިގެން އަލުން މައްސަލަ ދިރާސާ ކުރާެ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ވަކި ގޮތެއް ނިންމާނީ އެކަންކަން ބެލުމަށް ފަހު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެ މައްސަލަ އަލުން ބަލާނެ ކަމަށް އޭސީސީއިން ބުނެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ އޭސީސީގެ ތަހުގީގުގެ ފެންވަރާ މެދު ސުވާލު އުފައްދަމުންނެވެ. އަދި އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރަން ހުށަހަޅާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ވެންޓިލޭޓަރު މައްސަލާގައި ހެލްތު މިނިސްޓަރު އަމީނާއެކު ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނާއި އެ އޮފީހުގެ ބައެއް އާންމު މުވައްޒަފުންނެވެ. ބިޑް ކޮމިޓީގެ ބޭފުޅުންގެ ތެރެއިން ދައުވާ ކުރަނީ އެ ކޮމިޓީގެ ޗެއާ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދަށާއި ޑިރެކްޓަރު ނައުޝާދު އަލީ އަށާއި ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާއަށާއި އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ އަށެވެ. ދެން ދައުވާ ކުރަން ފޮނުވީ އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަހުމަދު އަސްލަމް އަށާއި ލީގަލް އޮފިސަރު އަލީ ޝިހާމާއަށާއި އެސިސްޓެންޓް ޑައިރެކްޓާ އަބްދުﷲ ހަފީޒަށާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒު އަދި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފަށެވެ.

comment ކޮމެންޓް