އިތުރަށް ނެގި ފައިސާތައް ފިނޭންސުން އެންގުމުން އައިއޭއެސްގެ ވެރިން ދައްކައިފި

މަޖިލީހުގެ އެސްއޯއީ ކޮމިޓީ: އައިއޭއެސްގެ ވެރިން އިތުރަށް ނެގި ފައިސާ އަނބުރާ ދައްކާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު ވިދާޅުވި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އައިލެންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސް)ގެ ވެރިންގެ މުސާރަ އުސޫލާ ހިލާފަށް ބޮޑު ކުރި މައްސަލައިގައި، އިތުރަށް ނަގާފައިވާ ފައިސާތައް އެ ކުންފުނީގެ ވެރިން އަނބުރާ ދައްކާފައިވާ ކަމަށް އެ މައްސަލަ ބެއްލެވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ، އެސްއޯއީ ކޮމިޓީން ބުނެފި އެވެ.

އެސްއޯއީ ކޮމިޓީން ވަނީ، އިސްވެރިންގެ މުސާރަ ބޮޑުކޮށްފައިވަނީ، ފިނޭންސްގެ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އިތުރަށް ނެގި ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް އެ ކުންފުނިން ކަނޑައަޅައި އެކަން މަޖިލީހަށް އެންގުމަށް ރިޕޯޓެއް އެކުލަވާލައި ތަޅުމަށް ހުށަހަޅައިފަ އެވެ.

އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ކުންފުނީގެ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ފޮނުވި އިރު، ފޮނުވީ ބޮޑު ކުރި މުސާރައާއެކު ކަމަށެވެ. އަދި މިނިސްޓްރީން ބަޖެޓް އެޕްރޫވް ކުރުމުން އައިއޭއެސްއަށް ގަބޫލު ކުރެވެނީ، މުސާރަވެސް އެޕްރޫވް ކުރީ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ފަހުން، ފިނޭންސުން ވިދާޅުވީ، އެއީ މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމެއް ނުނޭ [ބޮޑު ކުރި މުސާރަ]. އަދި ފަހުން ވާހަކަދައްކައިގެން ފިނޭސްސުން އެންގީ އިތުރަށް ދިޔަ ފައިސާ އެ މީހުން އަތުން އަތުލުމަށް. އިތުރަށް ދިޔަ ފައިސާ މިހާރު ވަނީ އަނބުރާ އަތުލައި، ކުންފުންޏަށް ލިބިފައި،" އިލްޔާސް ވިދާޅުވި އެވެ.

އެސްއޯއީ ކޮމިޓީއިން ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައިވާ ގޮތުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާގެ މުސާރަ 45،400 ރުފިޔާއިން 67،630 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ޗެއާޕާސަންގެ މުސާރަ އަކީ 12،875 ރުފިޔާ ނަމަވެސް ފަހުން އެ އަދަދު ވަނީ 19،100އަށް ބޮޑުކޮށްފަ އެވެ. އަދި ބޯޑު މެމްބަރުންގެ މުސާރަ 8،000 ރުފިޔާ އިން 11،850 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. އެ ތިން މަގާމުގެ މުސާރައަށް މި ގެނައި ބަދަލަކީ 48 ޕަސެންޓުގެ ބޮޑު ކުރުމެކެވެ. ނަމަވެސް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ރިޒްވީގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ދެން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި އޮޕަރޭޝަންތައް ފުޅާވަމުން ނުދިޔަ ނަމަވެސް އަހަރުން އަހަރަށް މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިޔުމާއި މުވައްޒަފުންނަށް އެއްވެސް އުސޫލެއް ނެތި ޕްރޮމޯޝަން ދިނުން ހިމެނެ އެވެ. އަދި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް އެކަމަށް މަސައްކަތް ކުރުމަށް ވެސް ކޮމިޓީއިން ވަނީ އެ ކުންފުންޏަށް ރެކޮމަންްޑުކޮށްފަ އެވެ.

އެ ރިޕޯޓް ފާސްކުރުން މިއަދުގެ ޖަލްސާގައި އޮންނާނެ އެވެ.

https://sun.mv/144431

comment ކޮމެންޓް