ވެންޓިލޭޓަރު މައްސަލައިގައި އޭސީސީއަށް އިތުބާރު ގެއްލިއްޖެ، ވަކިކުރަން ހުށަހަޅަނީ

މިނިވަން މުއައްސަސާ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ --- ސަންފޮޓޯ / ފަޔާޒު މޫސާ

ވެންޓިލޭޓަރު މައްސަލައިގައި ހެކި ނެތިގެން ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ އެކު ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކުގެ ފެންވަރާ މެދު ސުވާލު އުފައްދައި އެބޭފުޅުން ވަކިކުރަން ހުށަހަޅާނެކަމަށް ވިދާޅުވެއްޖެ އެވެ.

ހެކި ނެތިގެން ދައުވާ ނުކުރެވޭ މައްސަލައިގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އޭސީސީ އިން މައްސަލަ ޕީޖީ އަށް ފޮނުވާފައިވަނީ އަވަސް އަރުވާލައިގެން ކަމަށެވެ.

އިމްތިޔާޒު ވިދާޅުވީ ޕީޖީ އިން މައްސަލާގައި ދައުވާ ނުކޮށް ފޮނުވާލުމުން ދޭހަވަނީ "އެދުވަހު ހެނދުނު 11 ޖަހާއިރު މަޖިލީހަށް ހާޒިރުވުމަށް އޭސީސީ އަށް އެންގުމުން އައި މަގުމަތީގައި ޕީޖީ އަށް މައްސަލަ ވައްޓާލާފައި އަންނަން ވެގެން ކުރި ތަހުގީގުގެ ފެންވަރު،" ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ، ވެންޓިލޭޓާރު މައްސަލާގައި ދައުވާ ކުރަން ބޭނުންވާވަރަށް ހެކި ނެތިގެން މައްސަލަ ފޮނުވާލަން ޖެހުމުން ފެންނަނީ އޭސީސީގެ ތަހުގީގުގެ ފެންވަރު ހުރިވަރު ކަމަށެވެ.

"އޭސީސީ އަށް އިތުބާރެއް ނެތް، ވަކިކުރަން ހުށަހަޅާނަން،" މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ މީކާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވެސް ވިދާޅުވީ މި މައްސަލައާ އެކު އޭސީސީގެ މެންބަރުންނަށް މިހާރު އެއްގޮތަކަށް ވެސް އިތުބާރެއް ނެތް ކަމަށެވެ. އަދި މިއަދު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އެ މެންބަރުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑެކްލައިންކޮށްފައިވާ ކަމަށެވެ.

އެނގިފައިވާގޮތުގައި އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ މައްސަލާގައި ދައުވާކުރުމަށް ބޭނުންވާ މިންވަރަށް ހެއްކާ ގަރީނާ ނެތުމުގެ ސަބަބުންނެވެ.

އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އަށް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

https://sun.mv/144454

comment ކޮމެންޓް