ތޮއްޑޫ ފަޅޯ ރަޝިޔާއަށް، ޕޭމަންޓް ހެދުމުގައި ދަތިތަކެއް

ތޮއްޑޫގެ ފަޅޯދަނޑެއް: ތޮއްޑޫ ފަޅޯ އެ ރަށަށް އަންނަ ރަޝިޔާ ފަތުރުވެރިން ގައުމަށް ގެންދޭ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

އއ. ތޮއްޑޫގެ ދަނޑުވެރިން ހައްދާ ފަޅޯ އެ ރަށަށް އަންނަ ރަޝިޔާގެ ގިނަ ފަތުރުވެރިން އެ ގައުމަށް ގެންދާ ކަމަށާއި ނަމަވެސް އެ ވިޔަފާރީއަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޕޭމަންޓް ހެދުމުގައި ދިމާވާ ދަތިތައް ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހަޅުއްވާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން ޝިޔާން ވިދާޅުވީ، އެ ސިސްޓަމު ތައާރަފު ކުރުމުން ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް އިންޓަނޭޝަނަލް މާކެޓްގައި ވިއްކުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

"ހާއްސަގޮތެއްގައި އަޅުގަނޑަށް ތަަޖުރިބާ ކުރެވޭ ތޮއްޑޫގައި ހައްދާ ފަޅޯ ރަޝިޔާއަށް ބޭރުކުރުމުގެ އިންތިޒާމްތައް މިހާރު ވެސް އެ ދަނީ ހަމަޖެހެމުން. ދިމާވާ މައްސަލައަކީ މިހެން ހުންނަ ކުދި ކުދި ޕޭމަންޓްތައް ހެދުމުގެ ދިމާވާ މައްސަލަތައް. މިހާރު ވެސް ތޮއްޑޫއަށް ޒިޔާރަތްކުރާ ގިނަ ރަޝިޔާގެ ފަތުރުވެރިން ގިނަ އަދަދަކަށް ފަޅޯ އެބަ ގެންދޭ،" ޝިޔާން ވިދާޅުވި އެވެ.

މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން: ތޮއްޑު ދަނޑުވެރިންގެ އުފެއްދުންތައް ބޭރަށް ނުފޮނުވުމުގެ އެއް ހުރަހަކީ ޕޭމަންޓް މައްސަލަ ޖެހުން --ފައިލް ފޮޓޯ/ މަޖިލިސް

ތޮއްޑޫ އިން ފަޅޯ ރަޝީއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގެ ތަރުކާރީއާ މޭވާއިން އެ ލިބޭ ފޮނި މީރުކަން އެ ގައުމުން ނުލުބުން ކަން ޝިޔާން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިއަދު ކަނޑާލާ ކަރަލާއި ފަޅޯ ތާޒާ ކަންމަތީގައި ލިބުމަކީ އެ ފަރާތްތަކުގެ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ކަމަށެވެ.

ފަސޭހަ ކަމާއި އެކު ޕޭމަންޓް ހެދޭނެ ގޮތެއް ވުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ޝިޔާން ވިދާޅުވި އެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ޕޭމަންޓްތައް ދެއްކުމުގައި ބޮޑުތެ ތަކުލީފުތަކެއް އުފުލަން ޖެހޭކަން ޝިޔާން ފާހަގަ ކުރެއްވި އެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ތޮއްޑޫގެ ފަޅޯ ދަނޑުތަކެއް --- ފައިލް ފޮޓޯ: ކަރަމް

"ގެސްޓް މީހާ އަންނަން ޖެހޭނީ ރަށަށް ފޮށި ފޮށިގައި ފައިސާ ހިފައިގެން. އެ ނޫން ގޮތަކަށް ވަނީ ނަމަ ވަރަށް އުނދަގޫވެ އެބަ ފައިސާ ދެއްކުމުގަ. މިހާރު ރަށުގެ ހާލަތު ހުރި ގޮތުން. އެހެން ނަމަވެސް މިފަދަ ނިޒާމެއް ހަމަޖެހެގެން ދިޔައީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ،"

ގެސްޓު ހައުސްތަކަށް ދެއްކުމަށް ގެސުޓުން ހަދާ ބޮޑެތި ޕޭމަންޓްތައް ބޭންކުތަކުން ހޯލްޑް ކުރަމުން އަންނަ ކަމުގެ ތުހުމަތު މެންބަރު ޝިޔާން ވަނީ ކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތައް ޓެކްސް ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ޝިޔާން ވިދާޅުވި އެވެ.

ރަށް ރަށުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އަރައިގެން ދިއުމުގައި އެންމެ ބޮޑު އެއް ހުރަހަކަށް ވެފައި ވަނީ ކާޑު މެޝިންތައްކަން ޝިޔާން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އަލަށް ފާސްކުރާ ޕޭމަންޓް ގާނޫނާއި އެކު އެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް