މެސީއަށް އެއަށްވުރެން މޮޅަށް ކުޅެވެން ޖެހޭނެ: ކޫމަން

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އާއި ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ//ގެޓީ އިމޭޖެސް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ، މިހާރު ކުޅެމުން އަންނަ ވަރަށް ވުރެން މޮޅަށް ކުޅެވެން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ނިމިގެން ދިޔަ ޓްރާންސްފާ މާކެޓުގައި ބާސެލޯނާގެ މެނޭޖްމެންޓާ ދެމެދު ހިނގި ބޮޑު ހާޖާނަށްފަހު މެސީ އައު ސީޒަނާ ކުރިމަތިލީ ކުލަބުގެ ރައީސްގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އެވެ. މިދިޔަ ސީޒަނަށްފަހު ކުލަބު ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރުމުން ވެސް ބާސެލޯނާއިން ވަނީ މެސީ ކުލަބުން ދިޔަ ނުދީ ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެހެން ނަމަވެސް މެސީ ކުލަބު ދޫކޮށްދާން އޭރު ބޭނުންވެފައި ހުރުމުން ބާސެލޯނާއިން އެކަން ހުއްޓުވުމަކީ ބޮޑު ގޯހެއް ކަމަށް ބުނެ ގިނަބަޔަކު ބާސެލޯނާގެ އިސް މެނޭޖްމެންޓަށް ފާޑު ކިޔާފައިވާ އިރު، ޙުދު މެސީ ވެސް ވަނީ އެކަމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ބުނެފަ އެވެ. އެކަމަކު އައު ސީޒަނާ ކުރިމަތިލާ ބާސެލޯނާއިން ކުޅުނު މެޗުތަކުގައި ފުލްކޮށް ކުޅެ މެސީ ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ.

ބާސެލޯނާއިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ގެޓާފޭ އަތުން ރަށުން ބޭރުގައި 0-1 އިން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ބާސެލޯނާ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު އިރު މެސީ ވެސް މެޗުގައި ފެނުނީ ގިނި މަޑުކޮށެވެ. އެ ޓީމުގެ ކޯޗު ކޫމަން ބުނީ މެސީ ދަނޑުމަތީގައި ދައްކާ ކުޅުމަށް ޝަކުވާއެއް އަދި އޭނާގެ ހުނަރުވެރިކަމާ މެދު ޝަކުވާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މެސީއަށް އެންމެ ފަހު މެޗުގައި ކުޅުނު ކުޅުމަށް ވުރެން މޮޅަށް ކުޅެވޭނެކަން ގަބޫލު ކުރާ ކަމަށެވެ.

"މިވަގުތު މެސީ ދައްކަމުން އަންނަ ކުޅުމަށް ވުރެން މޮޅަށް އޭނާއަށް ކުޅެވޭނެ. އޭނާ ބޭނުންވަނީ ދުވަހުން ދުވަހަށް ކުޅެ، ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރަން،" ކޫމަން ބުނެފައިވެ އެވެ.

ޗެމްޕިއަންސް ލީގްގައި ގުރޫޕް ސްޓޭޖުގައި މިރޭ ހެންގޭރި ފެރެންކްވާރޮސް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޫމަން ބުނީ، މިރޭގެ މެޗަކީ، މެސީގެ ކުޅުން ރަނގަޅު ވެގެންދާ ހާލަތަކަށް ވެދާނެ ކަމަށެވެ.

"ބާސެލޯނާގައި ހުންނަ މީހަކު އަބަދުވެސް އަޒުމަކަށް ވާންޖެހޭނީ ޓްރޮފީ. އެއީ ސްޕެނިޝް ލީގު ވިޔަސް، ޗެމްޕިއަންސް ލީގު ވިޔަސް ހެޔޮ. އެކަން ކުރަން މިކުލަބަށް އަންނަނީ. އަހަރަމެން މިއީ ފެވަރިޓުންނެއްް ނޫން. އެކަމަކު ދުރަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް." ކޫމަން ބުންޏެވެ.

comment ކޮމެންޓް