ޔޫއޭއީގެ ކޮމާޝަލް ފްލައިޓެއް ފުރަތަމަ ފަހަރަށް އިސްރާއީލަށް ހިނގައްޖެ

އިއްތިހާދު އެއާވޭސްގެ ކޮމާޝަލް ޕެސެންޖާ ފްލައިޓެއް އިއްޔެ ފުރަތަމަ ފަހަރަށް އިސްރާއީލުގައި ވަނީ ޖައްސާފަ -- ފޮޓޯ: ޓައިމްސް އޮފް އިސްރާއީލް/ސިވަން ފަރަގް

ތެލްއަވީވް (އޮކްޓޯބަރު 20): ޔުނަައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ކޮމާޝަލް ފްލައިޓެއް އިއްޔެ ފުރަތަމަ ފަހަރަށް އިސްރާއީލުގައި ޖައްސައިފި އެވެ.

ޔޫއޭއީގެ އިއްތިހާދު އެއާވޭސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ އެއާލައިންގެ ބޯއިން 787 ޑްރީމްލައިނާއެއް އިއްޔެ އިސްރާއީލްގެ ބެން-ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި ފަހުން އެ ބޯޓު ވަނީ އިސްރާއީލްގެ ފަތުރުވެރިކަމާ ގުޅުން ހުރި ވަފުދަކާ އެކު ޔޫއޭއީއަށް އަނބުރާ ގޮސްފަ އެވެ.

އިއްތިހާދު އެއާވޭސް ވަނީ މުސްތަގުބަލުގައި ޔޫއޭއީ އާއި އިސްރާއީލާ ދެމެދު އާއްމުކޮށް ދަތުރުތައް ބާއްވާނެ ކަމަށް ބުނެފަ އެވެ.

ޔޫއޭއީ އާއި އިސްރާއީލާ ދެމެދު ވައިގެ ދަތުރުތައް ފެށީ މިދިޔަ އޮގަސްޓު މަހު އެ ދެ ގައުމުން ގުޅުން ގާއިމު ކުރަން ނިންމިކަން އިއުލާން ކުރި ފަހުންނެވެ. އޭގެ ފަހުން މިދިޔަ މަހުގެ 15ގައި ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއޭއީން ވަނީ އިސްރާއީލާ ގުޅުން ގާއިމު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ޔޫއޭއީގެ އިތުރުން ބަހުރައިން އިން ވެސް އިސްރާއީލާ ގުޅުން ގާއިމު ކުރަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއީ އަރަބި ގައުމުތަކާއި އިސްރާއިލާ ދެމެދު ސޮއި ކުރެވުނު އެފަދަ ތިން ވަނަ އަދި ހަތަރު ވަނަ އެއްބަސްވުމެވެ. އެގޮތުން އިސްރާއިލް އަކީ ވަކި ދައުލަތެއް ކަމަށް ބަލައިގަނެ، އެގައުމާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި މީގެ ކުރިން ސޮއި ކުރި އަރަބި ދެ ގައުމަކީ މިސްރާއި އުރުދުން އެވެ. އެއީ 1979 އާއި 1994ގަ އެވެ.

އަރަބި ގިނަ ގައުމުތަކުން ބުނާ ގޮތުގައި އެ ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރާނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުވުމުންނެވެ. އަދި ޔޫއޭއީ އާއި ބަހުރައިން އިން އިސްރާއީލާ އެކު ގުޅުން ބަދަހި ކުރަން ނިންމުމުން، ފަލަސްތީން ވަކި ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުންޏެވެ.

comment ކޮމެންޓް