ނެހާ ކައްކަރު އާއި ރޯހަންގެ ކައިވެނީގެ ދައުވަތު ކާޑު ލީކުވެއްޖެ

ނެހާ އާއި ރޯހަންގެ ކައިވެނީގެ ދައުވަތު ކާޑު މިހާރު ވަނީ ލީކުވެފައި---

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މި މަހު ކަށަވަރުކޮށްދިން ކާމިޔާބު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އާއި ރޯހަންޕްރީތު ސިންހްގެ ކައިވެނީގެ ދައުވަތު ކާޑު ލީކުވެއްޖެ އެވެ.

ދެތަރިން މި މަހު ކައިވެނި ކުރާނެ ކަމަށް ދެކެވޭ ވާހަކަ މީޑިއާތަކުގައި ވެސް ތިލަވެ އެ ވާހަކަ ދެއްކުން އަޑުގަދަވެފައިވާ މި ދަނޑިވަޅުގައި އެމީހުންގެ ދައުވަތު ކާޑު ލީކުވިއިރު ދެމީހުން ކައިވެނިކުރާނީ މި މަހު 26ގައި ކަމަށް އެ ކާޑުގައި ވަނީ ބުނެފަ އެވެ.

ޕަންޖާބުގައި ކައިވެނި ހަފްލާ ބާއްވާއިރު އެ ހަފްލާ އޮންނާނީ ދަ އަމޯލްޓަސް މޮހާލީގަ އެވެ. ނެހާ ކައްކަރުގެ ކައިވެނީގެ ހަފްލާ އަށް އަދިތްޔާ ނާރަޔަން، ވިޝާލް ދަދުލާނީ އަދި ހިމޭޝް ރޭޝަމްޔާ އަށް ދައުވަތު ދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މީގެ ކުރިން އަދިތުޔާ އާއި ނެހާ ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް އެރި އެވެ. ނަމަވެސް ފަހުން އެނގިގެން ދިޔައީ އެއީ އިންޑިއަން އައިޑަލް ޕްރޮމޯޓްކުރަން އެމީހުން ޖެއްސި ސްޓަންޓެއް ކަމަށެވެ. އަދިތްޔާ ވެސް މި އަހަރު ކައިވެނި ކުރާނެ އެވެ.

ނެހާ އާއި ރޯހަންގެ ވެޑިން ކާޑު ލީކުވިި އިރު އެކަމާ ގުޅޭ ގޮތުން އެދެތަރިން ވެސް ވާހަކަ ދައްކާފައެއް ނުވެ އެވެ.

ލަވަކިޔުންތެރިޔާ ނެހާ ކުރިން ލޯބީގެ ގޮތުން ގުޅުނީ އެކްޓަރު ހިމާންޝް ކޯލީއާ އެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށް ފަހު ދެމީހުން ވަކިވީ 2018 ވަނަ އަހަރު އެވެ.

comment ކޮމެންޓް