ކޮވިޑް ވެކްސިނެއް ކިހާ ހިސާބެއްގައި؟

ކޮވިޑް-19 ފެތުރުން މުޅިން ހުއްޓުވަން ވެކްސިނެއް ބޭނުންވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ -- ފޮޓޯ: އޭޕީ

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 170އަށް ވުރެ ގިނަ ވެކްސިން ޓެސްޓު ކުރުމުގެ މަސައްކަތް އެކި ގައުމުތަކުގައި މިހާރު ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެއްވެސް ވެކްސިނެއް ފުޅާ ދާއިރާއެއްގައި މީހުންނަށް ދެވެން ފެށޭނެ ކަމަށް ބެލެވެނީ އެންމެ އަވަހަށްވެސް އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް މިދިޔަ މަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ބުނެފަ އެވެ.

ވެކްސިން ޓެސްޓު ކުރާ ގޮތަކީ ކޮބާ؟

އާއްމު ގޮތެއްގައި ވެކްސިނެއް އިންސާނުންނަށް ދީގެން ޓެސްޓު ކުރުމުގެ ކުރިން "ޕްރީ-ކްލިނިކަލް ޓްރައަލް"ތަކުގައި އޭގެއިން އެއްވެސް ނޭދެވޭ އަސަރެއް ކުރޭތޯ އާއި ދިފާއީ ބާރަށް ބަދަލެއް އާދެތޯ ބެލުމަށް ޖަނަވާރުންނަށް ދީގެން ޓެސްޓު ކުރެ އެވެ. އަދި ތިން ފިޔަވައްސަކަށް ބަހާލައިގެން "ކްލިނިކަލް ޓްރައަލް"ތަކުގައި އިންސާނުންނަށް ދޭން ފަށާނީ އެއަށް ފަހުގަ އެވެ.

ކްލިނިކަލް ޓްރައަލްތަކުގެ އެންމެ ފުރަތަމަ ފިޔަވަހީގައި ވެކްސިން ދޭނީ ސިއްހަތު ރަނގަޅު މަދު އަދަދެއްގެ މީހުންނަށެވެ. އަދި އެކި ޑޯޒްތަކުގައި އެ ވެކްސިން ދިނުމުން ފެންނަ އަލާމާތްތަކާއި، ހަށިގަނޑުން ވައިރަސް ނައްތާލުމަށް މަސައްކަތް ކުރާ އެންޓިބޮޑީސްތައް އޭގެ ސަބަބުން އިތުރު ވޭތޯ އެ ތަހުލީލުތަކުގައި ބަލާނެ އެވެ. އެ ފިޔަވަހީގައި އާއްމު ގޮތެއްގައި ބައިވެރި ކުރާނީ 10 އާއި 100އާ ދެމެދުގެ އަދަދަކަށް މީހުންނެވެ.

އެއަށް ފަހު ރަނގަޅު ނަތީޖާއެއް ލިބިއްޖެ ނަމަ ދެވަނަ ފިޔަވަހި އިތުރު މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދާނެ އެވެ. އަދި ވެކްސިންގެ ރައްކާތެރިކަމާއި އެންމެ ރަނގަޅު ޑޯޒްއަކީ ކޮބައިކަން ޓެސްޓުތަކުން ހޯދާނެ އެވެ.

ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓު ކުރުން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދޭ -- ފޮޓޯ: ސްކައި ނިއުސް

ދެން އެންމެ ފަހު ފިޔަވަހީގައި ވެކްސިން އެތައް ހާސް މީހުންނަށް ދީގެން ޓެސްޓު ކުރާނެ އެވެ. އަދި އެ ތަހުލީލުތަކުގައި އިސްކަން ދޭނީ ވެކްސިންގެ ރައްކާތެރިކަމާއި ކޮވިޑް-19 ޖެހުން ވެކްސިން ހުއްޓުވައިދޭތޯ ބެލުމަށެވެެ. އެ ޓެސްޓުތަކުގައި ވެކްސިން ނުދޭ 'ކޮންޓްރޯލް ގުރޫޕެއް' ހިމެނުމަށް ފަހު، ވެކްސިން ދިން ގުރޫޕާއި ނުދޭ ގުރޫޕުގެ ނަތީޖާ އަޅާ ކިޔާނެ އެވެ. އަދި ޓެސްޓުތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު ބަލާ، ބަލި މަދުން ޖެހުނީ ވެކްސިން ދިން ގުރޫޕުގެ މީހުންނަށް ކަމަށްވާ ނަމަ ވެކްސިން މަސައްކަތް ކުރާކަން އެނގިގެންދާނެ އެވެ.

ވެކްސިންގެ ޓެސްޓުތައް ކިހާ ހިސާބެއްގައި؟

ޑަބްލިޔުއެޗްއޯއިން މިމަހުގެ 15އިގައި އިއުލާން ކުރި މައުލޫމާތުގައިވާ ގޮތުން ޕްރީ-ކްލިިނިކަލް ޓްރައަލްތަކުގައި މިހާރު 156 ވެކްސިނެއް އެބަ ޓެސްޓު ކުރެ އެވެ. އަދި 42 ވެކްސިނެއް ކްލިނިކަލް ޓްރައަލްތަކުގައި ދަނީ ޓެސްޓު ކުރަމުންނެވެ. އޭގެ ތެރެއިން 11 ވެކްސިނެއް ދަނީ ތިން ވަނަ ފިޔަވަހީގައި ޓެސްޓު ކުރަމުންނެވެ. އަދި ބައެއް ކުންފުނިތަކުން ވެކްސިންގެ ދެ ޓްރައަލް އެއްކޮށް އެބަ ކުރިއަށްގެންދެ އެވެ.

މީގެ އިތުރުން ޗައިނާ އާއި ރަޝިއާއިން ވަނީ އެ ދެ ގައުމުން އުފެއްދި ވެކްސިންތަކެއްގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ނުނިމެނީސް އެ ވެކްސިންތައް ބައެއް މީހުންނަށް ދޭން ހުއްދަ ދީފަ އެވެ.

އެންމެ ފާހަގަކޮށްލެވޭ ވެކްސިންތަކަކީ ކޮބާ؟

ދުނިޔޭގައި މިހާރު ޓެސްޓު ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދާ އެއް ވެކްސިން ކެންޑިޑޭޓަކީ އޮކްފޯޑް ޔުނިވާސީޓީ އާއި އަސްޓްރާޒެނެކާއިން އުފައްދާ ވެކްސިނެކެވެ.

އެ ވެކްސިންގެ ފުރަތަމަ ދެ ފިޔަވަހީގެ ޓެސްޓުތަކުން އެނގުނު ގޮތުގައި އެ ވެކްސިން ދިނުމުން އާ ކޮރޯނާވައިރަސް ދެނެގަންނަ ޓީ-ސެލްސް ހަށިގަނޑުގައި އުފެއްދުމަށް މަގުފަހިވެ އެވެ. ޓީ-ސެލްސްއަކީ ހަށިގަނޑަށް ބަލި ޖައްސާ 'ޕެތޮޖެންތަކާ' ހަނގުރާމަ ކުރުމަށް މުހިއްމު ވައިޓް ބްލަޑް ސެލްގެ ގުރޫޕެކެވެ. އަދި ވައިރަސް ހަށިގަނޑުގައި ފެތުރުން ހުއްޓުވާ އެންޓިބޮޑީތައްވެސް އެ ވެކްސިން ދިނުމުން އުފެދޭ ކަމަށް ލާންސެޓް ޖާނަލްގައި ޝާއިއު ކުރި ދިރާސާއެއްގައިވެ އެވެ.

ބައެއް ކޮވިޑް ވެކްސިންތައް އެތައް ހާސް މީހުންނަށް ދީގެން ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ: އޭޕީ

ނަމަވެސް އޮކްސްފޯޑުގެ ޓެސްޓުތަކުގައި ބައިވެރިވި މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލިވުމުން މިދިޔަ މަހުގެ އަށެއްގައި އެ ޓެސްޓުތައް މެދުކަނޑާލަން ޖެހުނެވެ. އޭގެ ފަހުން އެމެރިކާ ފިޔަވާ، އެ ޓެސްޓުތައް މީގެ ކުރިން ކުރިއަށްގެންދިޔަ ހުރިހާ ގައުމެއްގައި ޓެސްޓުތައް އަލުން ވަނީ ފަށާފަ އެވެ. އެމެރިކާގައި ޓެސްޓުތައް ފަށާފައި ނުވަނީ މީހަކު ބަލިވި މައްސަލަ އެގައުމުން އަދިވެސް ތަހުގީގު ކުރަމުން ދާތީ އެވެ.

އޮކްސްފޯޑާއި އަސްޓްރާޒެނެކާގެ ވެކްސިންގެ އިތުރުން، ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ކުރިއަށް ދަނިކޮށް ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ކޮވިޑް ވެކްސިންވެސް މީހަކު ބަލިވުމުގެ ސަބަބުން މި މަހުގެ 12އިގައި ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.

އެ ޓެސްޓުތައް މެދުކަނޑާލަން ޖެހުމުން އޮކްސްފޯޑާއި ޖޯންސަން އެންޑް ޖޯންސަންއިންވެސް ވަނީ އެފަދަ ބޮޑެތި ދިރާސާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވުމުން އޭގެއިން މީހަކު ބަލިވުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށްފަ އެވެ. އަދި މިނިވަން ފަރާތަކުން އެ މައްސަލަ ތަހުގީގުކޮށް، އެ މީހާ ބަލިވީ ވެކްސިންގެ ސަބަބުންތޯ ބަލާނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގައި މިހާރު އޮކްސްފޯޑާއި ޖޯންސަން އެންޑް ޖޯންސަންގެ ޓެސްޓުތައް ހުއްޓުމަކަށް ގެނެސްފައިވާ އިރު، އެގައުމުގައި ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ކުރިއަށްގެންދަނީ މޮޑާނާ އާއި ފައިޒާ ކުންފުނިން އުފައްދާ ދެ ވެކްސިނަކަށެވެ.

އޭގެ ތެރެއިން އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އާ ގުޅިގެން މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ފެށީ މިދިޔަ ޖުލައި މަހުގަ އެވެ. އަދި އެ ޓެސްޓުތައް ނިމޭނީ އޮކްޓޯބަރު 2022ގައި ކަމަށާއި އޭގެ ކުރިން ޓެސްޓުތަކުގެ ވަގުތީ ނަތީޖާތައް ލިބުން އެކަށީގެންވާ ކަމަށް މޮޑާނާއިން ބުންޏެވެ. އެ ވެކްސިންގެ ފުރަތަމަ ޓެސްޓުތަކުން އުމުރުން ދުވަސްވީ މީހުންގެ މެދުގައިވެސް ރަނގަޅު ދިފާއީ ބަދަލެއް ފެނިގެން ދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮވިޑް ވެކްސިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވެކްސިނަކީ އޮކްސްފޯޑާއި އަސްޓްރާޒެނެކާގެ ވެކްސިން -- ފޮޓޯ: ރޮއިޓާސް

ބޭސްތައް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ފައިޒާއިން ވެކްސިން އުފައްދަނީ ޖަރުމަނުގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ ބަޔޯއެންޓެކްއާ ގުޅިގެންނެވެ. އެ ވެކްސިންގެ ފަހު މަރުހަލާގެ ޓެސްޓުތައް އެކި ގައުމުތަކުގައި މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އަދި އެ ވެކްސިނުން ހަށިގަނޑު އާ ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ ނަމަ، މި އަހަރު ނިމެންވާ އިރަށް އެ ވެކްސިންގެ 100 މިލިއަން ޑޯޒް އުފެއްދުމަށް ފައިޒާއިން ވަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އެމެރިކާގެ ސަރުކާރާ އެކު ހަދާފަ އެވެ.

ވެކްސިން ޓެސްޓުތަކުން ބޭރުގައި އެތައް ހާސް މީހުންނަށް މިހާތަނަށް ދީފައިވާ އެކްސްޕެރިމެންޓަލް ވެކްސިންތަކުގެ ތެރޭގައި ޗައިނާގެ ދައުލަތުގެ ފާމަސޫޓިކަލް ކުންފުނި ސައިނޯފާމް އާއި ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސްއިން ގުޅިގެން އުފެއްދި ވެކްސިނެއް ހިމެނެ އެވެ.

ދަ ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އެ ވެކްސިން ދިނުމުން ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ އެންޓިބޮޑީ ހަށިގަނޑުގައި އުފެދެ އެވެ. އަދި އޭގެ ސަބަބުން ސީރިއަސް ސައިޑް އިފެކްޓުތަކެއް ފެނިގެން ނުދެ އެވެ.

އެ ވެކްސިނާއި ސައިނޯފާމްއިން ޓެސްޓު ކުރާ އެހެން ކޮވިޑް ވެކްސިނެއް ބައެއް ހާލަތްތަކުގައި އާއްމު ރައްޔިތުންނަށް ދޭން ޗައިނާގެ ސަރުކާރުން ދީފައިވާ ހުއްދައެއްގެ ދަށުން، އެގައުމުގެ 100،000އަށް ވުރެ ގިނަ މީހުންނަށް މިހާރު އެ ދެ ވެކްސިންގެ ތެރެއިން ކޮންމެވެސް އެއް ވެކްސިނެއް ދީފައިވާ ކަމަށް މިދިޔަ މަހު ވޮކްސް ނޫހުން ރިޕޯޓު ކުރި އެވެ.

comment ކޮމެންޓް