ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްގެ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން އަށް ދެއްވައިފި އެވެ.
ނައިބު ރައީސް ފައިސަލްގެ އަރިހަށް ބަންގްލަދޭޝްގެ ސަފީރު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެބޭފުޅުންވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ ކަމަށާއި، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ހިދުމަތްތައް ކޮށްދެމުންދާ ކަމަށެވެ.
ނައިބު ރައީސް ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން އިސްނަގައިގެން ކުރާ މަސައްކަތަށް ބަންގްލަދޭޝް ސަރުކާރުންދޭ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައިފަ އެވެ.
ނައިބު ރައިސް ފައިސަލް ވިދާލުވީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަފީރަށް ދެއްވާކަމަށެވެ.
ބަންގްލަދޭޝް ގެ ސަފީރު ވަނީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ހާލަތުގައި ވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަތީ ތައުލީމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.