29 ގެސްޓްހައުސްއަކަށް ހުއްދަ ދީފި

އއ ތޮއްޑޫ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކއް -- ފޮޓޯ: ޓްވިޓާ

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިންފަހުން މިހާތަނަށް 29 ގެސްޓްހައުސް އަކަށް ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ނ އަތޮޅާއި ކ އަތޮޅުގެ އިތުރުން އއ އަތޮޅު އ އަދި ވ އަތޮޅުގައި ހިންގާ 29 ގެސްޓްހައުސް އަކަށް ވަނީ އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފަ އެވެ.

ގެސްޓްހައުސް އޮޕަރޭޓުކުރުމުގެ ހުއްދަ ދިން ރަށްރަށް

  1. ނ. ފޮއްދޫ
  2. ކ. ހުރާ
  3. ވ ފުލިދޫ
  4. ވ ތިނަދޫ
  5. އއ މަތިވެރި
  6. ކ. މާފުށި
  7. އއ ތޮއްޑޫ
  8. އއ. އުކުޅަސް

ކޮވިޑް19 އާއި ގުޅިގެން ހަތް މަސްވަންދެން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ދެނީ، ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމުންނެވެ.

ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭގޮތުން، އެންމެން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދެނީ ރަށުފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަކޮށް، އެރަށެއްގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުނަށް ރަށު ކައުންސިލްގެ އިއުތިރާޒު ނެތްނަމަ އެވެ. ކޮންމެ ރަށެއްގައިވެސް ހާއްސަ ފްލޫކްލިނިކަކާއި އައިސޮލޭޝަނަށް ހާއްސަ އެނދު ބަހައްޓަން ޖެހެ އެވެ.

ރާއްޖޭގެ 86 ރަށުގައި 10،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު ހުރި އިރު 6000 އަށްވުރެ ގިނަ ރައްޔިތުންގެ އާމްދަނީ އާއި ވަޒީފާ ގުޅިފައި ވަނީ ގެސްޓްހައުސް ސިނާއަތަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 ޕަސެންޓަކީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް