ފުން ޒަހަމްތަކާއެކުވެސް އައްޑޫގެ ޒުވާނާގެ ހާލު ސްޓޭބަލް

އައްޑޫގައި އިކުއަޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ

އައްޑޫގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާ އޮތީ އައިސީޔޫގައި ކަމަށާއި ނަމަވެސް އޭނާގެ ހާލު ސްޓޭބަލް ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އައްޑޫގައި ރޭ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރަމާރީއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 12:38 ގައެވެ.

އައްޑޫ އިއުޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ޝާފީ މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި ރޭ އަނިޔާ ލިބުނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒަަހަމްވި މީހާ މިހާރު ވަނީ އައިސީޔޫއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އޭނާ "ވައިޓަލީ ސްޓޭބަލް" ކަމަށް ޝާފީ ވިދާޅުވި އެވެ.

ޒަހަމްވި މީހާގެ ފޮޓޯތަކެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި އެތަންމިތަނަށް ވަނީ ކަތިވަޅިއެއްފަދަ ތޫނުއެއްޗަކުން ހަމަލާދީ ވަރަށް ފުންކޮށް ޒަހަމްކޮށްލައިފަ އެވެ. އަދި އޭނާގެ ކަނާތުގެ ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލި ވަނ ވަނީ އެއްކޮށް ބުރިކޮށްލައިފަ އެވެ.

comment ކޮމެންޓް