1،252 ޓެސްޓުން ޕޮޒިޓިވްވީ 32 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 32 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް19 އަށް 1،252 ޓެސްޓު ކޮށްފައިވެއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި ފަސް ބިދޭސިންނެވެ.

މީގެ ތެރޭ މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 11 މީހެއް ހިމެނެއެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 36 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނީ 1،002 މީހުންނެވެ. ހޮސްޕިޓަލުގައި 39 މީހަކަށް ފަރުވާ ދެމުންދާއިރު 348 މީހަކު އައިސޮލޭޝަނުގައި އެބަތިއްބެވެ.

ޖުމްލަ 11،210 މީހަކު ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި އިރު 10،164 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން 37 މީހަކު ވަނީ ކޮވިޑް19 ޖެހިގެން މަރުވެފައެވެ.

comment ކޮމެންޓް