ވީއައިއޭ އަށް އެއާޕޯޓް އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެއާޕޯޓް އިންޝުއަރެންސްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ 2021 ވަނަ އަހަރަށް ވީއައިއޭ އަށް އެއާޕޯޓް އިންޝުއަރެންސްގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ވީއައިއޭ ފޯރުކޮއްދޭންޖެހޭ އިންޝުއަރެންސް ތަކަކީ "އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް" އާއި "އެއާޕޯޓް އެވިއޭޝަން ލަޔަބިލިޓީ އިންޝުއަރެންސް" އަދި ޓެރަރިޒަމް އިންޝުއަރެންސް" ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭ އަށް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދިނުމުން އެފަރާތްތައް ރަޖިސްޓްރީ ކޮށް، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު ނުވަވަނަ ދުވަހުގެ ހެނދުނު 10:15 އެވެ.

އެމްއޭސީއެލް އިން ބުނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް