ރަޝިއާ އާއި ރާއްޖެއާ ދެމެދު އިތުރު އެއާލައިނަކުން ދަތުރު ފަށަނީ

ރަޝިއާގެ ނޯޑްވިންޑް އެއާލައިނުން ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ނޯޑްވިންޑުން މި މަހުގެ 27 ގައި ރާއްޖެ އަށް ދަތުރު ފަށާއިރު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ. ނޯޑްވިންޑަކީ ރަޝިއާގެ ލެޝާ އެއާލައިނެކެވެ. އެ އެއާލައިނުން މައިގަނޑުގޮތެއްގައި ދަތުރުތައް ކުރަނީ ރަޝިއާގެ އެތެރޭގައްޔާއި މެޑިޓޭރިއަން އަދި އިންޑިއާ ކަނޑުގެ ގައުމުތަކަށެވެ. މިއީ ރަޝިއާގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދުތަކެވެ.

ނޯޑްވިންޑުން 28 ގައުމެއްގެ 98 މަންޒިލަކަށް ދަތުރުތައް ބާއްވައެވެ.

ނޯޑްވިންޑުން ރާއްޖެއަށް ދަތުރު ފަށަން ނިންމިއިރު ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ. ރަޝިއާގެ ގައުމީ އެއާލައިން އޭރފްލޯޓުން މީގެ ކުރިން ހަފްތާއަކު ރާއްޖެއަށް ބާއްވަމުންދިޔަ ދެ ފްލައިޓު ހަތަރަކަށް އިތުރު ކުރަންވެސް ވަނީ ނިންމައިފައެވެ.

ކޮވިޑް19ގެ ހަލަތުގައި މާޗުމ މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވާލިފަހުން މިމަހުގެ 15ގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާ އިންނެވެ. އެ މުއްދަތުގައި 4،817 ފަތުރުވެރިން ރަޝިއާ އިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

comment ކޮމެންޓް