މިމަހު 25ގައި ގްރޭޑް ހަތެއްގެ ކިޔެވުންވެސް ފަށަނީ

ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުމަށްފަހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގެ ކޮވިޑް-19ގެ ހާލަތު މިހާރު މި ދާ ސްޕީޑުން ދާ ނަމަ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް މި މަހުގެ 25 އިން ފެށިގެން ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގެ ސްކޫލުތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމަށްފަހު މިހާރު ދަނީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑްތަކަށް ސްކޫލުގައި ކިޔަވައިދެމުންނެވެ. އަދި މި ހަފްތާގައި ގްރޭޑް އަށެއްގެ ދަރިވަރުންނަށްވެސް ސްކޫލުގައި ކިޔަވައިދޭން ފެށުމަށް ވަނީ އެޑިއުކޭޝަނުން މިދިޔަ ހަފްތާގައި ނިންމާފައެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ރަޝީދު ވިދާޅުވީ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ސްކޫލަށް ގޮސް ކިޔަވައިދިނުން މި މަހުގައި ފެށި ނަމަވެސް ގްރޭޑް ހަތަކުން ދަށުގެ ގްރޭޑްތަކަށް މިއަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެގޮތުން ދެން އޮތީ ނޮވެމްބަރު މަސް ކަމަށްވާއިރު އަންނަ މަހަކީ ސްކޫލުތަކުގެ އިމްތިހާނު ފަށާ ދުވަސްވަރު ކަމަށް ވުމުން ކިޔަވައިދިނުމަށް އިތުރަށް ވަގުތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އިތުރު ގްރޭޑްތައް ސްކޫލަށް ނެރެ ކިޔަވައިދިނުމަށް ވަގުތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގްރޭޑް ހަތަކުން ދަށުގެ ދަރިވަރުންނަށް މިހާރުވެސް ދަނީ އޮންލައިންކޮށް އަދި ޓެލެކްލާސް މެދުވެރިކޮށް ކްލާސްތައް ނަގައިދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔަ އެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓް ވެސް ކުރަމުންނެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފަ އެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަން ދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވި އެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މި އަހަރުގެ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް