ބީއެމްއެލްގެ އޮފީސް ހަދަން ހުޅުމާލެ އިން 58 މިލިއަން ރުފިޔާ އަށް ބިމެއް ގަނެފި

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން 58.7 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.

ބީއެމްއެލް އިން ގަނެފައި ވަނީ އެޗްޑީސީގެ މިކްގައިވާ ހުޅުމާލޭ ލޮޓް ނަމްބަރު 11611 އެވެ. އެއީ 15،822.5 އަކަފޫޓު (1469.96 އަކަމީޓަރު)ގެ ބިމެކެވެ. އެ ބިން ގަނެފައި ވަނީ އަކަފޫޓަކަށް 3،710.11 ރުފިޔާގެ ރޭޓުންނެވެ.

އެޗްޑީސީއިން ހުށަހެޅީ އެ ބިން 58،701،475 ރުފިޔާއަށް ވިއްކުމަށެވެ. އެ ގޮތަށް ދެ ފަރާތުން އެއްބަސްވެވި އެ ފައިސާ މިހާރު ވަނީ ދައްކައިފަ އެވެ.

އެ ވިޔަފާރީގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ނިންމައި ސިވިލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފަ އެވެ. އެ ހުކުމް ކުރީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ އަލީ އެވެ.

ބީއެމްއެލްއަށް ވިއްކި ބިމަކީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނުން އަމީން އެވެނިއާ އިންވެގެން އޮންނަ ބިމެވެ.

comment ކޮމެންޓް