އައިފޯނު ޗާޖަރު ނެގުމުން ތިމާވެއްޓަށް ކުރާ ގެއްލުން ކުޑައެއް ނުވޭ

އާ އައިފޯނުގެ ރީޓެއިލް ފޮށިގަނޑު --- ފޮޓޯ : އެޕަލް

އެޕަލްގެ އެންމެ ފަހުގެ ފޯނުތައް ރިލީޒްކުރާއިރު އާ އައިފޯނުތަކާއެކު މިއަހަރު ޗާޖަރު ނުލިބޭ ވާހަކައާއެކު އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެ ކުންފުންޏަށް ކުރިމަތިވެފައެވެ. އެޕަލް އިން ބުނާގޮތުގައި އެ ނިންމުމުގެ ފަހަތުގައި ވަނީ ތިމާވެއްޓަށް ކުރެވޭ ގެއްލުން ކުޑަކުރުމެވެ. އެހެންނަމަވެސް ތިމާވެއްޓާ ގުޅޭ އެނަލިސްޓުން ބުނަނީ އެއީ ދޮގެއް ކަމަށެވެ.

އެޕަލް އިން ބުނެފައިވަނީ ކުންފުނީގެ އާ އައިފޯނުގެ ރީޓެއިލް ފޮށީގައި ޗާޖަރެއް އަދި ހެޑްސެޓް ނުހިމަނަން ނިންމާފައިވަނީ އޭގެ ސަބަބުން ޕްރޮޑަކްޓުތައް އުފައްދާ މިންވަރު ކުޑަވެ ޕެކޭޖިންނަށް ހޭދަކުރާ މިންވަރު މަދުވާނެ ކަމަށެވެ. އޭގެ ސަބަބުން ކާބަންޑައި އޮކްސައިޑް ބޭރުކުރާ މިންވަރު މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް އެޕަލް އިން ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު މިނިވަން އިންވެސްޓްމެންޓް ރިސާޗް ކުންފުނި ކަމަށްވާ ސީއެފްއާރުއޭގެ ސީނިއާ އިންޑަސްޓްރީ އެނަލިސްޓެއް ކަމަށްވާ އެންޖެލޯ ޒީނޯ ވިދާޅުވީ އެކުންފުނިން އާ އައިފޯނު ޗާޖަރާއި ހެޑްސެޓް ނަގާފައިވަނީ ތިމާވެއްޓާ ގުޅޭ ނިންމުމެއްގެ ގޮތުގައި ދައްކަމުން ކަމަށެވެ. އެހެންނަމަވެސް އެއަށްވުރެ ބޮޑަށް އެއީ ވިޔަފާރިއަށް ވިސްނާ ނިންމި ނިންމުމެއް ކަމަށެވެ.

"އެންމެ ބޮޑު ވިސްނުމެއް އަސްލު އެ އޮތީ ވިޔަފާރީގެ ވިސްނުމަކަށް ބަލާފައި،" އޭނާ ވިދާޅުވިއެވެ.

އެޕަލް އިން އާ އައިފޯނުގެ ފޮށިގަނޑުގައި މިފަހަރު ވަނީ ޔޫއެސްބީ ޓައިޕް ސީ ވާގަނޑެއް ހިމަނާފައެވެ. އޭގެ ސަބަބުން ޔޫޒަރުން ވަކީން ޗާޖަރު ގަންނަން ޖެހޭނެ ކަމަށް އެންޖެލޯ ވިދާޅުވިއެވެ. ސަބަބަކީ އެ ކޭބަލް އަކީ ކުރީގެ އައިފޯނު ޗާޖުކުރާ ބްރިކްތަކުގައި ބޭނުންކުރެވޭނެ ވާގަނޑުތަކަށް ނުވާނެތީއެވެ.

އަދި ހެޑްސެޓްތައް ހިމެނުން ހުއްޓާލުމުން އެކުންފުނީގެ ވަޔާލެސް އިޔާބަޑްސް ކަމަށްވާ "އެއާޕޮޑްސް" އަށް އޮންނަ ޑިމާންޑު އިތުރަށް ބޮޑުވަނެއެވެ. އެހެންކަމުން ކުންފުނީގެ ޕްރޮޑަކްޓް އުފައްދައިގެން ހޭދަވާ މިންވަރު ކުޑަ ވުން އެކަށީގެން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ނިންމުމާއެކު ކުންފުންޏަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރު ވެގެންދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް