އދ. އިން އީރާނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރު ގަތުމާއި ވިއްކުން މަނާކުރުމުގެ ފިޔަވަޅުތަށް ބާތިލްވެއްޖެ

ރައީސް ހަސަން ރޫހާނީ

ތެހެރާން (އޮކްޓޯބަރު 18) : އދ. އިން އީރާނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރު ގަތުމާއި ވިއްކުން މަނާކުރުމުގެ ފިޔަވަޅުތަށް ބާތިލްވެ އެކަން މިއަދު ނިމުމަކަށް އަތުވެއްޖެ އެވެ.

މިކަން ނިމުމަކަށް އައީ އީރާނާ ދެކޮޅަށް އދ. އިން އަޅާފައިވާ ހަތިޔާރު ގަތުމާއި ވިއްކުން މަނާކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު ހަމަވާތީ އެފިޔަވަޅުތަށް އަލުން ދެމެހެއްޓުމަށާއި އޭގެ މުއްދަތު އިތުރު ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ ކުރި މަސައްކަތް ނާކާމިޔާބު ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަން ދެމެހެއްޓުމަށްޓަކައި މިދިޔަ އޮގަސްޓްމަހު ސަލާމަތީ މަޖިލީހުގައި އެމެރިކާ ކުރި މަސައްކަތަށް ތާއީދުކުރީ އެމަޖިލީހުގައި ހިމެނޭ އެންމެ ކުޑަ އަދި ބަލިކަށި ގައުމުކަމަށްވާ ޑޮމިނިކަން ރިޕަބްލިކް އިންނެވެ.

ޔޫރަޕްގެ ބައިވެރިންވެސް އެމެރިކާއަށް ދިނީ ފުރަގަސް

އެމެރިކާގެ ޔޫރަޕްގެ ބައިވެރިން ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތްވެސް މިމައްސަލާގައި އެމެރިކާއަށް ދީފައިވަނީ ފުރަގަހެވެ. ޗައިނާއާއި ރަޝިޔާއިންވަނީ ވީޓޯކޮށްގެން ނަމަވެސް އީރާނާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތަށް އަލުން ދެމެހެއްޓުމަށް އެމެރިކާކުރި މަސައްކަތް ނާކާމިޔާބު ކޮށްލާނެކަމުގެ އިންޒާރު ނުސީދާ ގޮތެއްގައި އެދުވަސްވަރު އެމެރިކާއަށް ދީފައެވެ.

ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ތާޢީދެއްނެތް

ނަމަވެސް ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް އެއްވެސް ވަރަކަށް ތާއީދު ނެތްކަން އެމެރިކާއަށް އެނގުމުން މިމައްސަލާގައި އެމަޖަލީހަށް ގަރާރެއް ހުށަހަޅަންވެސް އެމެރިކާއަށް ކެރިފައެއްނުވެ އެވެ. މިއާއެކު ވީޓޯއާ ހިސާބަށް ދިޔުމުގެ މާކުރިންވެސް އެމެރިކާވަނީ ތާއީދުނެތުމާއެކު ގޮތް ހުސްވެގެން އެމަސައްކަތް ހުއްޓާލާފައެވެ.

އީރާނުން އުފައްދާ ބައެއް ހަތިޔާރު

އީރާނާ ދެކޮޅަށް އދ. ން ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތަށް އެޅީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނައަހަރު އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ މާ ކުރިންނެވެ. އެދުވަސްވަރު އީރާނާދެކޮޅަށް އެފިޔަވަޅުތަށް އަޅަން ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތާއީދު ލިބުނެވެ. ނަމަވެސް 2015 ވަނައަހަރު އެމެރިކާވެސް ހިމެނޭގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމާއެކު ބޮޑެތި ބާރުތަކުންވަނީ އީރާނާ ދެކޮޅަށް އދ. ން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ނިންމައި އެއަހަރު އެކަންކޮށްފައެވެ. ނަމަވެސް ހަތިޔާރުގެ ފިޔަވަޅުތަށް އުވާލުމަށް ނިންމާފައިވަނީ އީރާނުން ނިއުކްލިޔާ އެއްބަސްވުމަށް އަމަލުކުރާ ގޮތްބެލުމަށްފަހު 2020 ވަނައަހަރުގެ އޮކްޓޯބަރުމަހުގެ 18 ވަނަދުވަހުއެވެ. އުވާލުމަށް އެއްބަސްވެފައިވަނީ މިމުއްދަތު ހަމަވުމުން އޮޓަމެޓިކުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އދ. އިން ސަލާމަތީ މަޖިލީހުން ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ބަލައިގަނެ އެއެއްބަސްވުން ތަސްދީގުކޮށްފަ އެވެ. ނަމަވެސް އދ. އަށް ގޮންޖެހުމަށްފަހު ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2017 ވަނައަހަރު އެމެރިކާ ވަނީ އީރާނާ އެކު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެ އީރާނާދެކޮޅަށް އެމެރިކާ އަމިއްލައަށް އެކަހެރި ގޮތެއްގައި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އީރާނާ ކުރިމަތިލުމުގައި އެމެރިކާވަނީ އެކަހެރިވެފައި

އެމެރިކާ އެކަހެރިގޮތެއްގައި މިއެއްބަސްވުމުން ވަކިވުމުން އީރާނާ މުއާމަލާތް ކުރުމުގައި އެމެރިކާއާއި ދުނިޔޭގެ ބޮޑެތި އެހެންބާރުތަކާ ދެމެދުވަނީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފަ އެވެ. މިގޮތުން އީރާނާ އެކު ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށް ޔޫރަޕްގެ ބޮޑުތިންބާރުކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ޖަރުމަނު ބޭނުންވާއިރު ރަޝިއާއާއި ޗައިނާވެސް ގެންދަނީ އެއެއްބަސްވުން ދެމެހެއްޓުމަށް ގިނަ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ މިހަރުކަށިކަމާއެކު މިމައްސަލާގައި ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާވަނީ އެކަނިވެ އެކަހެރިވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

މިދިޔަ އޮގަސްޓް މަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އީރާނުން ނިއުކްލިޔާ އެއްބަސްވުމާ ޚިލާފު ވެއްޖެކަމަށް ވިދާޅުވެ އީރާނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރު ދަތިކުރުމުގެ ފިޔަވަޅުތަށް ދެމެހެއްޓުމަށް ގޮވާލާ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ. މިމަސައްކަތްތަކާ ދެކޮޅަށް ހަރަކާތްތެރިވި ޔޫރަޕްގެ ބޮޑު ތިންބާރުކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ޖަރުމަނުން އެމެރިކާގެ ޚާރިޖީ ވަޒީރަށް ދިން ޖަވާބަކީ އެމެރިކާއަކީ ނިއުކްލިޔާ އެއްބަސްވުމުން އަމިއްލައަށް ވަކިވެފައިވާ ގައުމަކަށްވާތީ އެއްބަސްވުމާބެހޭގޮތުން ވާހަކަ ދެއްކުމުގެ ގާނޫނީ ހައިސިއްޔަތު އެމެރިކާއަށް ނޯންނާނެކަމުގައެވެ.

އެމެރިކާ އޮތީ ބޭނުންހާ ގޮތަކަށް ދުނިޔޭގެކަންކަން ބައްޓަން ކުރެވޭފަދަ ބާރުގަދަ ހާލަތެއްގައެއްނޫން

މިހިސާބުން އެމެރިކާގެ ޚާރިޖީ ވަޒީރަށް ޖެހިވަޑައިގަތީ ހަތިޔާރު ބަހައްޓަވާށެވެ. ނަމަވެސް ގޮތް ދޫނުކުރައްވައި ޕޮމްޕެއޯ އެމައްސަލައިގެ މަޝވަރާތަކެއް ސަލާމަތީ މަޖިލީހުގައި ގެންދެވިއެވެ. ނަތީޖާއަކަށްވީ ކުޑަކުޑަ ޑޮމިނިކަން ރިޕަބްލިކް ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ތާއީދު ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ނުލިބުމެވެ. މިހިސާބުން ކުރިމަތިވި ލަދާއެކު އެމެރިކާގެ ޚާރިޖީ ވަޒީރުވަނީ ޕޮމްޕެއޯ ވަނީ އެކަން ހުއްޓާލައްވައިފަ އެވެ.

އދ. އިން އީރާނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރު ގަތުމާއި ވިއްކުން މަނާކުރުމުގެ ފިޔަވަޅުތަށް މިއަދު ނިމުމަކަށް އައުމާ އެކު އީރާނުން ވަނީ މިއީ އެމެރިކާގެ އަނިޔާވެރިކަމާއި އަތްގަދަ ކުރުމާއި ހަންފެތުރުމުގެ ސިޔާސަތުގެ މައްޗަށް އީރާނަށް ލިބިގެންދިޔަ ނަސްރެއް ކަމަށް ސިފަކޮށްފައެވެ. އަދި އެމެރިކާ މިހާރު އޮތީ އެމެރިކާ ބޭނުންހާ ގޮތަކަށް ދުނިޔޭގެކަންކަން ބައްޓަން ކުރެވޭފަދަ ބާރާއި ނުފޫޒުގަދަ ހާލަތެއްގައި ނޫންކަން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް