ކޮވިޑާ ދެކޮޅަށް ހަނގުރާމަކުރުމުގައި ދުނިޔޭގެ ގައުމުތައް ވަނީ ދެބައިވެފައި: އެންތޯނިއާ

އދ. ގެ ސެކްޓްރީ ޖެނެރަލް އެންތޯނިއާ ގުތަރޭސް

ކޮވިޑާ ދެކޮޅަށް ހަނގުރާމަކުރުމުގައި ދުނިޔޭގެ ގައުމުތައް ދެބައިވެފައިވާކަމަށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތަރޭސް ވިދާޅުވެއްޖެ އެވެ.

ކުރިން ޕޯޗުގަލްގެ ބޮޑޫވަޒީރުކަންވެސް ކޮށްފައި ގުތަރޭސް ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ މީހުން ފަގީރުކަމާއި ބަނޑުހައިހޫނުކަން ކުރިމަތިވުން ހުއްޓުވަން ގައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ކޮވިޑް ޖެހިގެން އެއް މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު ގައުމުތައް ގުޅިގެން ކުރިން މަސައްކަތް ކުރިނަމަ މާބޮޑަށްވެސް އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރެވުނީސްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ގައުމުތައް ވަނީ ފެެއިލްވެފައި،" ގުތަރޭސް ވިދާޅުވި އެވެ.

ދާހިލީ ހަނގުރާމަތައް ހިނގަމުންދާ ގައުމުތައް ކަަމަށްވާ ސީރިއާ އަފްގާނިސްތާން އަދި ޔަމަންގެ މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން ނުލިބޭތީ އެކަމަށްވެސް ގުތަރޭސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިހާތަނަށް މުޅި ދުނިޔެއިން 39 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެެވެ.

އެ ބަލި އެންމެ ފުރަތަމަ ފެންނަން ފެށީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. އޭގެ ފަހުން މިހާތަނަށް 210 ގައުމަކުން ވަނީ ބަލި ފެނިފަ އެވެ. --ރޮއިޓާސް--

comment ކޮމެންޓް