ރާއްޖެ-މޮރިޝަޝް އިމުގެ މައްސަލަ ޓްރައިބިއުނަލުން ނުބެލޭނެ ކަމަށް ކަނޑައަޅަން ރާއްޖެ އިން އެދިއްޖެ

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ރާއްޖޭގެ ލީގަލް ޓީމް

ރާއްޖޭ އާއި މޮރިޝަޝްގެ ކޮންޓިނެންޓަލް ޝެލްފް، ނޫނީ ސަރަހައްދީ އިން ކަނޑައެޅުމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ރައްޖޭގެ ފަރާތުން އެދިއްޖެ އެވެ.

ރާއްޖެ އިން އެގޮތަށް އެދިފައިވަނީ، އިމުގެ މައްސަލައިގައި ސީ ޓްރައިބިއުނަލް އިން ބޭއްވި އަޑުއެހުންތައް ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކައިގެ ތެރެއިންނެވެ. އެ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދެއްކެވީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް ޚަދީޖާ ޝަބީން އެވެ.

މިދިޔަ އަންގާރަ ދުވަހު ސީ ޓްރައިބިއުނަލްގައި ފެށި އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި، އޭޖީ ރިފްއަތު ވިދާޅުވީ، އިމުގެ އެ މައްސަލައަކީ ޓްރައިބިއުނަލްގައި ބެލޭނެ މައްސަލައެއް ނޫން ކަމަށާއި އަދި ރާއްޖޭގެ ފަރާތުން އެދެނީ އެގޮތަށް މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ދިނުމަށެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި މޮރިޝަސް އާ އެކު ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށް ރާއްޖޭން ވަނީ ހުށަހަޅފަ އެވެ.

"ރާއްޖެއާ އަވައްޓެރި މޮރިޝަޝްގެ ރައްޔިތުންނާ އެކުވެރި ގުޅުމެއް އޮންނަން ރާއްޖެ އިން ބޭނުންވޭ. އެހެން ކަމުން އަޅުގަނޑުމެން މި ދައުވަތު ދެނީ މޮރިޝަޝްއަށް އައިސީޖީން ހުށަހަޅާފައިވާ އިރުޝާދާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް. މަޝްވަރާ ކުރުމަށްފަހު އައިސީޖީ އަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް،" އޭޖީ ރިފްފަތު ވިދާޅުވި އެވެ.

މޮރިޝަޝް އިން ބޭނުންވާ ހުށަހެޅުމަކަށް މަޝްވަރާއަށް ދިއުމަށް ވެސް އިއުތިރާޒެއް ނެތް ކަމަށް ރާއްޖެ އިން ވަނީ ހުށަހަޅާފަ އެވެ.

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމްކޮށްފައިވާ ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓްގައި ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓްލީ ހަ ގައުމުގެ ތެރޭގައި ހިމެނިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެ ވޯޓްގައި ރާއްޖެއިން ރަތަށް ފިތަން ޖެހުނީ ފޯޅަވައްސަކީ ރާއްޖެެއާ ބައުންޑަރީއެއް އޮތް ހަމައެކަނި ގައުމަށް ވެފައި، ރާއްޖޭގެ ކޮންޓިނަންޓަލް ޝެލްފް ނޫނީ ސަރަހައްދި އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށެވެ. އަދި ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރަން ރާއްޖެއިން ތާއީދުކޮށް ވޯޓް ދީފި ނަމަ، އދ ގައި އޮތް މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކޮންޓިނަންޓަލް ޝެލުފުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތުމަކީ އެކަމަށް ރާއްޖެއަށް ތާއީދު ނުކުރެވުނު ސަބަބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު ބިންގަލަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާާޅުވީ، ދިވެހިންނަށް ނިކަމެތިކަން އަންނަ ގޮތަކަށް މި ސަރުކާރުގެ އެއްވެސް ހާރިޖީ ނިމުމެއް ނުނިންމާނެ ކަމަށެވެ. އަދި މި ސަރުކާރުގައި ރާއްޖެ ވެގެން ދާނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ފަހުރުވެރި ކަމާ އެކު، ކެރިތިބެގެން ދިވެހި ދިދަ އުފުލައިލާނެ ގައުމަކަށް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރަން އަޅަން ޖެހުނު ކޮންމެ ނިންމުމެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް