ނިއު ޒީލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް ދިވަހި އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް

ނިއު ޒިލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބްވެވަޑައިގަތް ދިވެހި އާއިލާއަކަށް ނިސްބަތްވާ ޑރ. އައިޝާ (ކ) އެގައުމުގެ ބޮޑު ވަޒީރު ޖަސިންދާ އާޑާންގ އާ އެކު ---

ނިއު ޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް ދިވެހި އާއިލާއަކަށް ނިސްބަތްވާ އަދި ދިވެހި ޕާސްޕޯޓް އޮންނަ ބޭފުޅަކު އިންތިހާބްވެވަޑައިގެންފި އެވެ. ނިއު ޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގަތް ދިވެހި އައިލާއަކަށް ނިސްބަތްވާ ކަނބަލަކީ ޑރ. އައިޝާ ވެރޯލް އެވެ.

ޑރ. އައިޝާއަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. އައިޝާގެ މަންމާފުޅަކީ ރައީސް ނަޝީދުގެ މަންމާފުޅުގެ ކޮއްކޮ ލަތީފާ އަހްމަދެވެ. ބައްޕައަކީ ނިއު ޒިލޭންޑްގެ ރައްޔިތެކެވެ.

ޑރ. އައިޝާ އުފަންވެފައިވަނީ ވެސް ނިއު ޒިލޭންޑަށެވެ. ނަމަވެސް އެކިފަހަރު މަތިން ވަނީ ރާއްޖެ ވެސް ވަޑައިގެންފަ އެވެ. އަދި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޑރ. އައިޝާ ވަނީ އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރައްވާފަ އެވެ. މަޖިލީހަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްްވީ ވެލިންޓަން ހޮސްޕިޓަލެއްގައި ޑޮކްޓަރެއްގެ ގޮތުގައެވެ.

މިހާރު ވެސް ނިއު ޒިލޭންޑްގެ ވެރިކަން ކުރާ ލޭބާ ޕާޓީގެ، ފަރާތުން ނިކުންނެވި ޑރ. އައިޝާ ކާމިޔާބު ކުރައްވާފައިވަނީ ވެލިންޓަން ދާއިރާގެ ގޮނޑިއެވެ.

ނިއު ޒީލޭންޑުގެ ޕާލިމެންޓަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ 90 ޕަސެންޓު ވޯޓު މިހާތަނަށް ގުނާފައިވާ އިރު، ބޮޑުވަޒީރު ޖަސިންދާ އާޑާންގެ ލޭބާ ޕާޓީން ވަނީ 48.9 ޕަސެންޓު ވޯޓު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން 120 މެމްބަރުން ތިއްބަވާ ޕާލިމެންޓުން ލޭބާއަށް 64 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ. އެއީ އެގައުމުގައި މިހާރު އޮތް ސިޔާސީ ނިޒާމު 1996 ވަނަ އަހަރު ތައާރަފު ކުރި ފަހުން އާއްމު އިންތިހާބެއްގައި ސިޔާސީ ޕާޓީއަކަށް އެހާ ބޮޑު ތާއިދެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެ އިންތިހާބުގައި ލޭބާ ޕާޓީއާ އެންމެ ގާތުން ވާދަ ކުރި ނެޝަނަލް ޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 27 ޕަސެންޓު ވޯޓެވެ. އެއީ 2002ގެ ފަހުން އެ ޕާޓީގެ ތާއިދު އެހާވަރަށް ދަށްވި ފުރަތަމަ ފަހަރެވެ.

އެ އިންތިހާބުގެ ރަސްމީ ނަތީޖާ ތިން ހަފްތާ ފަހުން އިއުލާން ކުރަން ހަމަޖެހިފައިވާ އިރު އާޑާން ވިދާޅުވި ގޮތުގައި އެގައުމުގައި ކުރިއަށް އޮތް ތިން އަހަރަށް ވެރިކަން ކުރާނީ ލޭބާ ޕާޓީންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

comment ކޮމެންޓް