ލިވަޕޫލާއި އެވަޓަންގެ ކުރިމަތިލުން އެއްވަރުވި އިރު ސަލާހު 100 ގޯލް ހަމަކޮށްފި

ލިވަޕޫލާއި އެވަޓަން ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ//ގެޓީ އިމޭޖެސް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބައްދަލު ކުރި މާސީސައިޑް ޑާބީ މެޗު އެއްވަރުވި އިރު ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހު އެކުލަބަށް 100 ގޯލު ހަމަކޮށްދީފި އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ކާލޯ އެންޗެލޮޓޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަނުން މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ޕޮއިންޓް އުނިވި އިރު، ފަސް މެޗުން ހޯދި 13 ޕޮއިންޓާ އެކު އެ ޓީމު އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ މިރޭގެ މެޗުން ޕޮއިންޓް ހޯދި ލިވަޕޫލް 10 ޕޮއިންޓާ އެކު އެވެ. ތިން ވަނާގައި އޮތީ ތިން މެޗުން ތިން މޮޅު ހޯދައިގެން އެސްޓަން ވިލާ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ޔޫރޮޕުގެ ލީގުތަކުގެ ކުޅުން އަލުން ފެށި އިރު، މިރޭގެ މެޗު ފަށައިގެން ތިންވަނަ މިނަޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފަ އެވެ. އެންޑީ ރޮބާޓްސަން ދިން އެސިސްޓަކުން އެ ގޯލު އެ ޓީމަށް ޖަހައިދިނީ ސެނަގަލް ފޯވާޑް ސާޑިއޯ މާނޭ އެވެ.

މާނޭގެ ގޯލާ އެކު ލިވަޕޫލުން މެޗުގެ ކޮންޓްރޯލް ނެގި ނަމަވެސް 19 ވަނަ މިނަޓުގައި އެވަޓަނުން ވަނީ ލަނޑެއް ޖަހައި އެއްވަރު ކޮށްފަ އެވެ. ހަމޭސް ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން އެ ގޯލު ޖެހީ މައިކެލް ކީން އެވެ.

މެޗުގައި ގިނަ ހަމަލާތައް އުފައްދާ ޑޮމިނޭޓް ކުރި ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިން ސަލާހު ވަނީ ލިވަޕޫލަށް 100 ލަނޑު އެ ގޯލާ އެކު ހަމަކޮށްފަ އެވެ. އޭނާ އެ އަދަދަށް ލިވަޕޫލަށް ލަނޑު ޖަހައިދިނީ ވޭތުވެ ދިޔަ ތިން ސީޒަނެއްގެ ތެރޭގައި ކުޅުނު 159 މެޗުންނެވެ.

ސަލާހުގެ ގޯލާ އެކު އެވަޓަނުން ކުޅުން ރަނގަޅުކޮށް ދެ ވަނަ ފަހަރަށް ވެސް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލޫކަސް ޑީނިއޭގެ އެސިސްޓަކުން އެ ގޯލު ޖެހީ މިފަހަރުގެ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑޮމިނިކް ކެލްވާޓް ލެވިން އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތްވަނަ ގޯލެވެ.

މެޗު ނިމެން ދަނިކޮށް އެވަޓަންގެ ބްރެޒިލް ފޯވާޑް ރިޗާލްސަންއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ލިވަޕޫލުގެ މިޑްފީލަޑަރު ތިއާގޯ އެލަކަންޓްރާއަށް ކުރި ފައުލަކާ ގުޅިގެން ރިޗާލްސަންއަށް ދެއްކި ރަތް ކާޑަށް ފަހު ލިވަޕޫލުން މެޗުގައި ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު ކެޕްޓަން ޖޯޑަން ހެންޑެސަން ޖެހި އެ ގޯލު ވީ އޮފްސައިޑް ލަނޑަކަށެވެ.

comment ކޮމެންޓް