ޓައިގާ ދެން ކުޅޭނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލު

ޒުވާން އެކްޓަރު ޓައިގާ ޝްރޮފް--

ކާމިޔާބު އެކްޓަރު ޓައިގާ ޝްރޮފް ދެން ފެނިގެންދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ކަމަށް ހަބަރުތައް ބުނެފި އެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގެ ނަމަކީ "ގަންޕަތު" އެވެ. ގަންޕަތުގައި ޓައިގާ ބޮކްސާއެއްގެ ރޯލު ކުޅޭއިރު މި ފިލްމަކީ ސްޕޯޓްސް ޑްރާމާއެކެވެ. އެ ފިލްމު ކުޅުމަށް ޓައިގާ މިހާރު ޓްރެއިނިން ފަށާފައިވާއިރު ގަންޕަތުގެ ޕޯސްޓަރު ފޮޓޯ ނެގުން އޮންނާނީ އަންނަ މަހެެވެ. އަދި މި ފިލްމުގެ ޝޫޓިން ފަށާނީ ޑިސެމްބަރު މަހުގައެވެ.

އަންނަ އަހަރުގެ މެދުތެރޭގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގައި އަންހެން ލީޑު ކުޅޭ ތަރިއެއް ހާމަކޮށްފައިނުވާއިރު ފިލްމުގެ އިތުރު ތަރިންނެއްވެސް ހާމަކޮށްފައެއްނުވެ އެވެ.

މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ އެކްޓަރު ޓައިގާ އާއި ވިކާސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ޓައިގާގެ ފިލްމީ ކެރިއަރުގައި ފެނިފައިނުވާފަދަ ވަރުގަދަ ތަފާތު ރޯލަކުން އޭނާ ފެނިގެންދާއިރު އެ ރޯލަށް އެންމެ އެކަށީގެންވާ ތަރިއަކީ ޓައިގާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

ކުޅަދާނަ އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާގެ އަތުގައި ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އޭނާ ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ" ގެ ދެވަނަ ބައި އަދި ރޯހިތު ދަވަން ގެ "ރާމްބޯ"ގެ މަސައްކަތްވެސް އެބައޮތެވެ.

comment ކޮމެންޓް