ތާރީހީ ކާމިޔާބީއަކާ އެކު ބޮޑުވަޒީރު ޖަސިންދާ އާޑާން ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާފަ -- ފޮޓޯ: ގެޓީ

ވެލިންޓަން (އޮކްޓޯބަރު 17): ނިއު ޒީލޭންޑުގައި މިއަދު ބޭއްވި އާއްމު އިންތިހާބުން ބޮޑުވަޒީރު ޖަސިންދާ އާޑާން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ.

ނިއު ޒީލޭންޑުގެ ޕާލިމެންޓަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ 90 ޕަސެންޓު ވޯޓު މިހާތަނަށް ގުނާފައިވާ އިރު، އާޑާންގެ ލޭބާ ޕާޓީން ވަނީ 48.9 ޕަސެންޓު ވޯޓު ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން 120 މެމްބަރުން ތިއްބަވާ ޕާލިމެންޓުން ލޭބާއަށް 64 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ. އެއީ އެގައުމުގައި މިހާރު އޮތް ސިޔާސީ ނިޒާމު 1996 ވަނަ އަހަރު ތައާރަފު ކުރި ފަހުން އާއްމު އިންތިހާބެއްގައި ސިޔާސީ ޕާޓީއަކަށް އެހާ ބޮޑު ތާއިދެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެ އިންތިހާބުގައި ލޭބާ ޕާޓީއާ އެންމެ ގާތުން ވާދަ ކުރި ނެޝަނަލް ޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 27 ޕަސެންޓު ވޯޓެވެ. އެއީ 2002ގެ ފަހުން އެ ޕާޓީގެ ތާއިދު އެހާވަރަށް ދަށްވި ފުރަތަމަ ފަހަރެވެ.

އެ އިންތިހާބުގެ ރަސްމީ ނަތީޖާ ތިން ހަފްތާ ފަހުން އިއުލާން ކުރަން ހަމަޖެހިފައިވާ އިރު އާޑާން ވިދާޅުވި ގޮތުގައި އެގައުމުގައި ކުރިއަށް އޮތް ތިން އަހަރަށް ވެރިކަން ކުރާނީ ލޭބާ ޕާޓީންކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

"ފާއިތުވި 50 އަހަރު ތެރޭ ލޭބާ ޕާޓީއަށް ނުދޭ ފަދަ ބޮޑު ތަރުހީބެއް މިރޭ ނިއު ޒީލޭންޑުން ވަނީ މި ޕާޓީއަށް ދީފަ... މިއީ އާދައިގެ އިންތިހާބެއް ނޫން އަދި މިއީ އާދައިގެ ދުވަސްތަކެއް ނޫން. މިރޭގެ ނަތީޖާއަކީ ވަރުގަދަ ނަތީޖާއެއް. ކުރިއަށް އޮތް ތިން އަހަރު ސަރުކާރު ހިންގާނީ ލޭބާއިން ކަން ވަނީ ކަށަވަރުވެފަ،" އާޑާން ވިދާޅުވި އެވެ.

ނިއު ޒީލޭންޑުގައި އާޑާންއަށް އޮތް ތާއިދު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ކޮރޯނާވައިރަސް ބަލިމަޑުކާ ސަރުކާރުން ކުރިމަތިލި ގޮތެވެ. އެގޮތުން އެގައުމަކީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި ބޭރު މީހުންނަށް ބޯޑަރުތައް ބަންދު ކުރި އެންމެ ފުރަތަމަ އެއް ގައުމެވެ. އަދި އެގައުމުން ވައިރަހުގެ އެންމެ 102 ކޭސް ފެނުމުން އާޑާން މުޅި ގައުމު ފުރަބަންދު ކުރައްވާ، އިޖުތިމާއީ ގައިދުރުކަމުގެ ހަރުކަށި ފިޔަވަޅުތައް އެޅުއްވި އެވެ.

ނިއު ޒީލޭންޑުން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 1,883 މީހުންނެވެ. އަދި އެގައުމުން ބަލީގައި މަރުވެފައި ވަނީ 25 މީހެކެވެ.

ދެވަނަ ދައުރަކަށް ކެމްޕޭން ކުރެއްވުމުގައި އާޑާންވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ކުޑަކުދިންގެ އަދަދު ކުރިއަށް އޮތް 10 އަހަރު ތެރޭ ދެބައިކުޅަ އެއްބަޔަށް މަދު ކުރުމާއި، ގެދޮރު ނެތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދައުލަތުން ގެދޮރު އަޅައި ދިނުމާއި މިހާރު ރިސެޝަނަކަށް ގޮސްފައިވާ އެގައުމުގެ އިގުތިސާދު ނަގާ ކޮޅަށް ޖެހުން ހިމެނެ އެވެ. އަދި މުއްސަނދިންގެ އަތުން ނަގާ ޓެކްސްގެ މިންވަރު އިތުރު ކުރުމާއި ތިމާވެއްޓާ ރަހުމަތްތެރި ސިޔާސަތުތަކަށް އަމަލުކުރުން ހިމެނެ އެވެ.

comment ކޮމެންޓް