އެމެރިކާއިން މެކްސިކޯގެ ކުރީގެ މިނިސްޓަރެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާކޮށްފި

އެމެރިކާއިން ވަނީ މެކްސިކޯގެ ކުރީގެ ޑިފެންސް މިނިސްޓަރު ސަލްވަޑޯ ސިއެންފުއޭގޯސް ހައްޔަރުކޮށް، އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮކްޓޯބަރު 17): އެމެރިކާއިން މެކްސިކޯގެ ކުރީގެ ޑިފެންސް މިނިސްޓަރު ސަލްވަޑޯ ސިއެންފުއޭގޯސް ހައްޔަރުކޮށް، އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާކޮށްފި އެވެ.

އެމެރިކާއިން ބުނި ގޮތުގައި އެގައުމުން ސިއެންފުއޭގޯސް ހައްޔަރު ކުރީ ބުރާސްފަތި ދުވަހު ލޮސް އެންޖެލެސް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި އޭނާ ހައްޔަރު ކުރުމަށް އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމެއް އެމެރިކާއިން މެކްސިކޯއަށް އަންގާފައި ނުވެ އެވެ.

އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން އިއްޔެ އާއްމު ކުރެއްވި ލިޔެކިޔުންތަކުގައިވާ ގޮތުން ސިއެންފުއޭގޯސްގެ މައްޗަށް ވަނީ ހަތަރު ބާވަތެއްގެ މަސްތުވާތަކެތި އެމެރިކާގައި އުފައްދާ އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި ބައިވެރިވުމުގެ ތުހުމަތުކޮށްފަ އެވެ. އަދި 2012އިން 2018އަށް ޑިފެންސް މިނިސްޓަރުކަން ކުރެއްވި ސިއެންފުއޭގޯސް އެކުށްތަކުގައި ބައިވެރިވީ ޑިސެމްބަރު 2015 އާއި ފެބްރުއަރީ 2017އާ ދޭތެރޭ ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެ އެވެ.

"މީހުންނަށް އަނިޔާކޮށް މީހުން މެރުން ފަދަ ހަމަނުޖެހުންތައް ހިންގާ އެޗް-2 ކާޓެލްގެ ފަރާތުން އޭނާ ރިޝްވަތު ގަބޫލުކޮށް، އެމީހުންނަށް އެއްވެސް އަދަބަކާ ނުލައި މެކްސިކޯގައި ހަރަކާތްތެރި ވުމަށް އޭނާ ފުރުސަތު ދިން،" ޕްރޮސެކިއުޓަރުން ވިދާޅުވި އެވެ.

އެ ލިޔެކިޔުންތަކުގައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ސިއެންފުއޭގޯސްއާ ދެކޮޅަށް ހެކި ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި އޭނާ އާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެމެދު ކޮށްފައިވާ މެސެޖުތަކެއް ހިމެނެ އެވެ.

އެއީ އެމެރިކާއިން މެކްސިކޯގެ ޑިފެންސް މިނިސްޓަރަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

ސިއެންފުއޭގޯސްގެ ކުރިން، މިދިޔަ އަހަރު އެމެރިކާއިން ވަނީ މެކްސިކޯގެ ކުރީގެ ސެކިއުރިޓީ މިނިސްޓަރު ހެނާރޯ ގާސިއާ ލޫނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކާޓެލްއަކުން ރިޝްވަތު ނެންގެވި ކަމުގެ ދައުވާގައި ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ޝަރީއަތް މިހާރު ދަނީ ނިއު ޔޯކްގައި ކުރިއަށްގެންދަމުންނެވެ.

މެކްސިކޯގެ ސަރުކާރުން ކޮރަޕްޝަން ނައްތާލާނެ ކަމުގެ ވައުދާއެކު 2018 ވަނަ އަހަރު އެގައުމުގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް ލޯޕޭޒް އޮބްރަޑޯ ވިދާޅުވި ގޮތުގައި އެ މައްސަލައިން އެނގިގެންދަނީ "މެކްސިކޯގައި އޮތް މައިގަނޑު މައްސަލައަކީ ކޮރަޕްޝަން" ކަމެވެ. އަދި ސިއެންފުއޭގޯސްގެ މައްސަލައާ ގުޅުން ހުރި މީހަކު އޭނާގެ ސަރުކާރުގައި ހުރި ނަމަ އެމީހަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް