ތުރުކީން ރަޝިއާގެ ވައިގެ ދިފާއީ ނިޒާމެއް ތަޖްރިބާ ކުރުމުން އެމެރިކާ ރުޅިގަދަވެއްޖެ

އަންކަރާ (އޮކްޓޯބަރު 17) : ތުރުކީން ގަނެފައިވާ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު އެސް-400 އިއްޔެ އަމަލީގޮތުން ތަޖްރިބާ ކުރުމުން އެމެރިކާ ރުޅިގަދަވެއްޖެއެވެ.

މި ތަޖްރިބާއާ ގުޅިގެން ތުރުކީއަށް އިންޒާރު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނާ މޯގަން އޯޓާގޮސް ވިދާޅުވީ ތުރުކީން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު އެސް-400 ގަތުމާއި އެ ނިޒާމު ޓެސްޓްކުރުމާ އަދި އެ ނިޒާމުގެ ބޭނުންކުރުމަކީ އެމެރިކާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާ އެއީ ނޭޓޯގެ މެންބަރު ގައުމެއްގެ ހައިޘިއްޔަތުން ތުރުކީ އަދާކުރަންޖެހޭ ދައުރާ މުޅިން ފުށުއާރާ ކަމެއްކަމުގައެވެ. މިގޮތަށް އަމަލުކުރާނަމަ ނުރައްކާތެރި ނަތީޖާތަކަކާ ތުރުކީ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރުވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނާ ދެއްވިއެވެ.

އިންޒާރު ދިނަސް މާބޮޑު ފިޔަވަޅެއް ނޭޅޭނެ

ނަމަވެސް ތުރުކީގެ ދެކުނުގައި އޮންނަ އިންޖާލިކް ވައިގެ އަސްކަރީ މަރުކަޒަކީ އެމެރިކާއަށް ނުހަނު ބޭނުންތެރި މަރުކަޒަކަށްވެފައި އެމަރުކަޒުގައި އެމެރިކާގެ ގިނައަދަދެއްގެ ސިފައިން ބައިތިއްބައި ބަރު ހަތިޔާރު ގުދަންކޮށް އަދި އެމެރިކާއިން އެތަން ބޭނުންކުރަންޖެހޭތީ ތުރުކީއާ ދެކޮޅަށް މާވަރުގަދަ ފިޔަވަޅެއް އެޅުމަކީ އެމެރިކާއަށް ކުރަންކެރޭނެ ކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ތުރުކީގެ ލޮކޭޝަންގެ ފައިދާ އެގައުމު ގެންދަނީ ނަގަމުން

އަނެއްކޮޅުން ތުރުކީއަކީ ރަޝިއާއާ ވަރަށް ގާތުގައި ސްޓްރެޓީޖިކް ގޮތުން ނޭޓޯއަށާއި އެމެރިކާއަށް މުހިންމު ލޮކޭޝަނެއްގައި އޮންނަ ގައުމަކަށްވުމަކީވެސް އެމެރިކާ ދޭ ހަރުކަށި އިންޒާރުތަކާ އެއްގޮތަށް އަމަލުކުރަން އެމެރިކާއަށް ނުކެރޭނެ މައިގަނޑު ސަބަބެކެވެ.

ރަޝިއާގެ އެސް-400 ނިޒާމު

ތުރުކީ މީގެ ދެ އަހަރު ކުރިން އެސް-400 ގެ ދިފާއީ ނިޒާމު ރަޝިއާއިން ގަތީވެސް އެމެރިކާއިން މިފަދަ އެތަށް އިންޒާރުތަކެއް ދެމުން ގެންދަނިކޮށެވެ. ނަމަވެސް އެމެރިކާގެ އިންޒާރުތަކަށް ކުޑަވެސް ބެލުމެއްނެތި ތުރުކީވަނީ އެސް-400 ގެ ދިފާއީ ނިޒާމު ރަޝިއާއިން ގަނެ އޭގެ ބައިތަކާއި ބެޓްރީތަށް ތުރުކީއަށް ގެނަސް ރަޝިއާގެ ފަންނީ މާހިރުންގެ އެހީތެރިކަމުގައި މިދިޔައަަހަރު އެނިޒާމު ތުރުކީގައި އިންސްޓޯލް ކޮށްފައެވެ. މިހާރު މިވަނީ އެނިޒާމު އަމަލީގޮތުން ތަޖުރިބާވެސް ކޮށްފައެވެ.

ކުރިންވެސް މާބޮޑު ފިޔަވަޅެއްއަޅަން އެމެރިކާއަށް ކެރިފައެއްނުވޭ

ކުރިން އެނިޒާމު ގަތުމާ ގުޅިގެން އެމެރިކާ ދިން އިންޒާރުތަކާ ގުޅިގެންވެސް އެމެރިކާއަށް އަޅަންކެރުނީ ތުރުކީއާ ދެކޮޅަށް ވަރަށް އާދައިގެ ފިޔަވަޅެކެވެ. އެއީ އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ އަސްކަރީ ޖެޓް ދުއްވަން ދަސްކުރުމަށް އެމެރިކާއަށް ފޮނުވާފައިވާ ތުރުކީގެ އެއާފޯސް ޕައިލެޓުންތަކެއް އަނބުރައި ގައުމަށް ފޮނުވާލުމާއި އެފް-35 ގެ ޕްރޮގްރާމުން ތުރުކީ ވަކި ކުރުމެވެ.

އެމެރިކާ އެގޮތަށް އަމަލުކުރުމުން ތުުރުކީ ވަނީ ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ އެސް-35 މަރުކާގެ ޖެޓް ރަޝިއާއިން ގަންނާނެކަމުގެ އިންޒާރު އެމެރިކާއަށް ދީފައެވެ. މިކަމުގެ ސަބަބުން އެމެރިކާވަނީ އިތުރަށް ކަންބޮޑުވެފައެވެ. ތުރުކީ ރަޝިއާގެ ހަތިޔާރު ގަންނަން ފެށުމާއި ތުުރުކީ އަމިއްލައަށް ހަތިޔާރު އުފައްދަން ފެށުމަކީ އެމެރިކާގެ ހަތިޔާރުގެ ބާޒާރަށް ލިބޭނެ ބޮޑު ގެއްލުމެއްކަމުން މިއީ އެމެރިކާއަށް ވަރަށް ޙައްސާސް މައްސަލައެކެވެ.

ތުރުކީ ބޭނުންވާކަމެއް ތުރުކީ ކުރާނެ

ތުރުކީ ގެންދަނީ އެމެރިކާ ރުޅިއައުން ނޫނީ އެމެރިކާ ނުރުހުމުން ތުރުކީ ބޭނުންވާކަމެއް ނުކޮށް ނޯންނާނެ ކަމުގެ މެސެޖް ވަރަށް ވަރުގަދައަށް އެމެރިކާއަށް ދެމުންނެވެ. އަދި ތުރުކީ ހަތިޔާރު ގަންނަންވާ ގައުމުތަކާއި ނުގަންނަންވާ ގައުމުތަށް ކަނޑައަޅާނީ އެމެިރކާ ނޫންކަމުގެ މެސެޖްވެސް ތުރުކީވަނީ އެމެރިކާއަށް ދީފައެވެ. މިފަދަ މައްސަލަތަކުގައި އެމެރިކާ ކިތަންމެ ހަރުކަށި އިންޒާރުތަކެއް ދިންނަމަވެސް ތުރުކީގައިވާ އެމެރިކާގެ މަސްލަހަތުތަކުގެ ސަބަބުން ތުރުކީއާ ދެކޮޅަށް މާބޮޑު ފިޔަވަޅުތަކެއް އަޅަން އެމެރިކާއަށް ނުކެރޭނެކަން ތުރުކީ ރަނގަޅަށް ދަނެއެވެ.

ރަޝިއާގައި އުފައްދާ އެސް-400 މަރުކާގެ ދިފާއީ ނިޒާމަކީ 2.5 ބިލިޔަން ޑޮލަރުގެ އަގުހުރި ނިޒާމެކެވެ. އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް މަރުކާގެ ދިފާއީ ނިޒާމާއި ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ނިޒާމަށްވުރެ ރަޝިއާގެ ނިޒާމު މާ ގާބިލްކަމަށް އަސްކަރީ ދިރާސާތަށް ބުނެއެވެ.

ތުރުކީ ރަޝިއާއިން ގަތް ދިފާއީ ނިޒާމު ފުރަތަމަ ބެޗްގައި ބެޓްރީ އެއްގައި ހަތަރު މިސައިލް ހިމެނޭގޮތަށް 4 ބެޓްރީ އާއި ރާޑަރު ސިސްޓަމެއް ހިމެނެއެވެ. ރަޝިޔާއިން ތުރުކީއަށް މި ނިޒާމު ފޯރުކޮށްދިނުމުގެ ކަންތަށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް