މާލޭ ސިޓީއިން ކުއްޔަށް ދޫކުރާ ތަންތަނުގެ ފައިސާ ސިޓީ ކައުންސިލަށް ދައްކަން ޖެހޭ ގޮތަށް ހަދަނީ

މާލޭ ސިޓީގެ މޭޔަރު ޝިފާ އަދި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް: ކުރިން މީރާ އިން ބަލައިގަތް ބައެއް ކުލިތައް މިހާރު ސިޓީ ކައުންސިލުން އަންނަނީ ބަލައިގަންނަމުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ކުލި އެ ކައުންސިލަށް ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ތަންތަނުގެ ކުރިން މީރާއަށް ކުލި ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް އެކަން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ކުލިތައް ސިޓީ ކައުންސިލުން ބަލައިގަންނަން ފަށާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މީރާއާ އެކު މަޝްވަރާ ކުރެވެމުން އެބަދޭ މިހާރު މާރުކޭޓުތަކާއި އަދިި މާލޭގެ ބައެއް ބިންތައް ކުއްޔަށް ދީފައިވާ ބިންތަކުގެ ކުލި ދެއްކުމުގެ ކަންތައްތައް މިކޮޅަށް ބަދަލު ކުރުމުގެ ކަންތައްތައް މިހާރު ގިނަ ތަންތަނުގެ ކުލި ދެއްކުން މާލޭ ސިޓީން ކުއްޔަށް ދީފައި ހުރި ތަންތަން ކަމުގައިވަނީ ނަމަ އެތަންތަނުގެ ކުލި ވެސް ބަންޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކޭ ގޮތް މިވަނީ ހަދާ ދެވިފައި،" ޝިފާ ވިދާޅުވި އެވެ.

އެގޮތުން މާލޭ އާއި ވިލިމާލޭގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމަށް ފަހު އެ ފައިސާ ވެސް ސިޓީ ކައުންސިލަށް ބަލައިގަންނަ ގޮތަށް ބަދަލު ކޮށްފައިވާކަން މޭޔަރު ސިފާ ފާހަގަކުރެއްވި އެވެ.

ކުރިން މީރާ އިން ބަލައިގަންނަމުން ދިޔަ 10 ބާވަތެއްގެ ކުލީގެ ފައިސާ މިހާރު އަންނަނީ ސިޓީ ކައުންސިލުން ބަލައިގަންނަމުންނެވެ. އޭގެ ތެރޭގައި މާލޭގައި ގާއިމް ކޮށްފައި ހުރި ބައެއް ޕާކިން ޒޯނުތަކުގެ ކުއްޔާއި ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ އިތުރުން އިޖުތުމާއީ ގޮތުން ދޫކުރާ ތަންތަނާއި ޕާކުތަކުގެ ކުލި ވެސް ހިމެނެ އެވެ.

މީރާ އިން ބަލައިގަންނަމުން ދިޔަ ބައެއް ފައިސާ ސިޓީ ކައުންސިލަށް ބަދަލު ކޮށްފައިވާއިރު، ސިނަމާލެ ބްރިޖް ކައިރީ އޮންނަ އަޑިޕާކް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިވާ މައްސަލައިގައި މޭޔަރު ޝިފާއަށް ދައުވާ ކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ވަނީ ފޮނުވައިފަ އެވެ.

comment ކޮމެންޓް