ގައްޒާފީ ދެއްވި ފައިސާ ސަރުކޯޒީ ކެމްޕޭނަކަށް ހަރަދު ކުރި ކަމުގެ ތުހުމަތާ ގުޅިގެން ދައުވާކޮށްފި

ފްރާންސުގެ ކުރީގެ ނިކޮލަސް ސަރުކޯޒީގެ މައްޗަށް ވަނީ ފައިސާއާ ގުޅުން ހުރި ދައުވާތަކެއް ކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޕެރިސް (އޮކްޓޯބަރު 17): ފްރާންސުގެ ކުރީގެ ރައީސް ނިކޮލަސް ސަރުކޯޒީ 2007 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ލީ ބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީ ދެއްވި ފައިސާތަކެއް ހަރަދު ކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

ފްރާންސުން ތަހުގީގު ކުރާތާ ދިގު މުއްދަތެއް ވެފައިވާ ލީބިޔާގެ ފައިސާގެ މައްސަލާގައި 2018 ވަނަ އަހަރު ސަރުކޯޒީގެ މައްޗަށް ވަނީ ކޮރަޕްޝަނާއި ގަވާއިދާ ހިލާފަށް ކެމްޕޭނަށް ހަރަދު ކުރެއްވުމާއި ހިޔާނާތުން ހޯދާފައިވާ ފައިސާއިން ފައިދާ ނެންގެވުމުގެ ދައުވާކޮށްފަ އެވެ. އަދި މިހާރު އޭނާގެ މައްޗަށް ވަނީ ކުށެއް ކުރުމަށް ހެދި އެއްބަސްވުމުގައި ބައިވެރިވުމުގެ ދައުވާކޮށްފަ އެވެ.

ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި ސަރުކޯޒީގެ ރިޔާސީ ކެމްޕޭނަށް އެހީވުމުގެ ގޮތުން ގައްޒާފީގެ ސަރުކާރުން ދިން އެތައް މިލިއަން ޔޫރޯސް ސަރުކޯޒީ އާއި އޭނާގެ އަރިސް ފަރާތްތަކުން ގަބޫލު ކުރި އެވެ.

އެ މައްސަލަ ފެންމަތިވީ 2012 ވަނަ އަހަރު އިންވެސްޓިގޭޓިވް ވެބްސައިޓެއް ކަމަށްވާ މީޑިއާޕާޓްއިން އާއްމު ކުރި ލިޔެކިޔުންތަކަކާ ހެދި އެވެ. އެ ލިޔެކިޔުމުގައިވާ ގޮތުން ސަރުކޯޒީއަށް 50 މިލިއަން ޔޫރޯސް ދެއްވުމަށް ގައްޒާފީ އެއްބަސްވެވަޑައިގެންނެވި އެވެ.

ނަމަވެސް 2007އިން 2012އަށް ވެރިކަން ކުރެއްވި ސަރުކޯޒީ އެ ތުހުމަތުތައް ދޮގު ކުރެއްވި އެވެ.

މީގެ އިތުރުން ސަރުކޯޒީގެ މައްޗަށް ވަނީ އޭނާގެ ސިޔާސީ ޕާޓީއާ ގުޅުން ހުރި ތަހުގީގަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް މެޖިސްޓްރޭޓަކަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ދައުވާކޮށްފަ އެވެ. އަދި 2012 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށްވެސް ގަވާއިދާ ހިލާފަށް ފައިސާ ހަރަދު ކުރެއްވި ކަމުގެ ތުހުމަތުގައި ދައުވާކޮށްފަ އެވެ.×

comment ކޮމެންޓް