މިއަދު 1،366 ސާމްޕަލްއިން ޕޮޒިޓިވްވީ 41 މީހުން

އޮގަސްޓު 23، 2020: މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ނެގި 1،366 ސާމްޕަލްތަކުގެ ތެރެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 41 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކުވައިދޭ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 މީހުންނަކީ ދިވެހީންނެވެ. ބާކީ ތިބި ހަތަރު މީހުންނަކީ ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 34 ކޭސް ފެނިފައިވަނީ ގުރޭޓާ މާލޭ އޭރިއާ ސަރަހައްދުންނެވެ. ބާކީ ހަތް ކޭސް ފެނިފައިވަނީ އަތޮޅު ތެރޭ އެހެން ރަށްތަކުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު މިވަނީ 11،154 އަށް އަރައިފައެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު 64 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހަރު ހުރީ 9،995 ގައެވެ.

އެކްޓިވް ކޭސްތައް ނުވަތަ މިވަގުތު ބައްޔަށް ފަރުވާ ދެމުންދާ ކޭސްތަކުގެ ގޮތުގައި ތިބީ 1،117 މީހުންނެވެ. އޭގެ ތެރެއިން 49 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 384 މީހަކު އެބަ ތިއްބެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 35 އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައިވަނީ މާޗް ހަތް ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ.

މި ކޭސްއާއެކު މާލެ ލޮކްޑައުން ކުރި ބަލި ފެތުރިގަތް ގޮތަށް ކޭސްތަކުގެ އަދަދު މަދު ވާން ފެށީ ޖޫން މަހުގެ ފަހުކޮޅަށެވެ.

އެއާއިއެކު އެޅިފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަށް ދޫދެވުމާއިއެކު އަނެއްކާވެސް ކޭސްތައް ދިޔައީ އިންތިހާއަށް އިތުރުވެގެންނެވެ.

މިދިޔަ ދެ މަސް ދުވަސް ތެރޭ ކޭސްތައް ފެނުނު މިންވަރު އިތުރުވުމަށްފަހު އަނެއްކާވެސް މިވަނީ ކޭސްތައް މަދުވާން ފަށައިފައެވެ.

comment ކޮމެންޓް