ރައީސް ނަޝީދު ޖޭއެސްސީގައި ހުންނަވައިގެން ރައީސް ޔާމީނަށް އިންސާފެއް ނުލިބޭނެ: އަދުރޭ

ޖެނުއަރީ 27، 2019: ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ނުލިބޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައި ވަނީ ރައީސް ނަޝީދު ބޭނުންފުޅު ވެގެން ކަމަށެވެ.

"ރައީސް ނަޝީދު ބޭނުންވެގެން، ނުހައްގުން ރައީސް ޔާމީނަށް އަނިޔާކޮށްގެން، ނުހައްގުން ޖަލަށް ލާފައި އެހުންނެވީ. ރައީސް ނަޝީދު ޖޭއެސްސީގައި ހުންނަވައިގެން، ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން، ފަނޑިޔާރުން ބަދަލުކުރާކަން އެއީ ފެންނަން އޮތް ހަގީގަތެއް،" އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ނަޝީދު ޖޭއެސްސީގައި ހުންނަވައިގެން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް. އެކަމަކު ޝަރީއަތްތައް މިނިވަންކަމާއެކު ކުރިއަށްގެންގޮސްފިނަމަ އިންސާފު ލިބޭނެ."

ނަޝީދު ޖޭއެސްސީގައި ހުންނަވަނިކޮށް ރައީސް ޔާމީނަށް އިންސާފު ނުލިބޭނެ ކަމަށް އަދުރޭ ވިދާޅުވިއިރު، ނަޝީދު ޖޭއެސްސީއިން އިސްތިއުފާ ދެއްވުމަށް މަޖިލީހުގައި އިދިކޮޅު މެމްބަރުން ގޮވާލުމުން، ޖޭއެސްސީގައި ހުންނެވުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ ގޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ އެ ވާހައަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމަކީ އަބަދުވެސް އެމަނިކުފާނުގެ ސިފައެއް ކަމަށެވެ.

"ރައީސް ނަޝީދު ދައްކާ ވާހަކަ އެއީ އެއްގޮތަކަށް ވެސް އިންސާނުން އަޑުއަހަން ހެޔޮވާވަރުގެ ވާހަކައެއް ނޫން. ރައީސް ޔާމީން ބޭނުންފުޅުވާ މީހުންނެއް ނޫނެއް ނޫންތޯ ޖޭއެސްސީގައި ތިބޭނީ... އެެހެންވީމަ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. ރައްޔިތުންނަށް ކަންކަން އޮޅުވާލުމަކީ އަބަދުވެސް ނަޝީދުގެ ސިފައެއް. އޭނާއަށް ހާއްސަ ސިފައެއް އެއީ. ނަޝީދުއެއް ނޫންތޯ ވިދާޅުވީ ތިމަންނާއަކީ ސަރުކާރުގެ ބައިވެރިއެއް ނޫނޭ. އެހެންވީމަ އެއީ [ނަޝީދުއަކީ] ބުއްދި ހަމަޖެހޭ މީހެއް ކަމަށް ގަބޫލެއް ނުކުރެވޭ،" އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ އަބަދުވެސް ކަންކަމާ ކުރިމަތިލައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ބޭސްފަރުވާގެ ނަމުގައި ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ޔާމީން އިތުރުފުޅު ހައްދަވައިގެން ރާއްޖެއިން ބޭރަށް ވަޑައިނުގަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ކަމެއް ދިމާވީމަ ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. ރައީސް ޔާމީން ބޭނުންފުޅުވާނެ ކަންކަމާ ކުރިމަތިލައްވަން. ރައީސް ޔާމީނަކީ 'ފޭކް' ޖައްސަވާ ބޭފުޅެއް ނޫން. އެއްގޮތަކަށް ވެސް ކަންކަން އޮޅުވާލަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ރައީސް ޔާމީނަކީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރާއްޖެއިން ބޭރަށް ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށް ހުކުމް ކުރުމުގެ ކުރިން ވެސް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

"މި ސަރުކާރުގެ އަނިޔާވެރިކަމުން ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި އެ ހުންނެވީ. އެކަމަކު ރައީސް ޔާމީން ބޭނުންފުޅެއް ނުވާނެ ރާއްޖެއިން ބޭރަށް ފިލައިގެން ގޮސް، މިގޮތަށް ކަންތައް ކުރާކަށް. ހުކުމް ކުރުމުގެ ކުރިންވެސް އެމަނިކުފާނު ވިދާޅުވި ހުކުމެއް އަޔަސް ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށާއި އުޅުއްވާނީ ރާއްޖޭގައި ކަމާއި، އެމަނިކުފާނާ ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައްވާނެ ކަމަށް،"

comment ކޮމެންޓް