ކަރީނާ އާއި ސައިފްގެ ކައިވެންޏަށް އަށް އަހަރު!

ކައިވެންޏަށް އަށް އަހަރު ފުރުމާއެކު ކަރީނާ އިންސްޓަގްރާމަށް ޕޯސްޓްކުރި ފޮޓޯ---

ބޮލީވުޑްގައި އެންމެ މަގްބޫލު އެއް ޖޯޑަކީ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރެވެ.

އުމުރުގެ ތަފާތުގެ ގޮތުގައި 10 އަހަރު ހުރި ނަމަވެސް ދެތަރިން މިއަދާ ހަމައަށްވެސް ފެނިގެންދަނީ ވަރަށް ލޯބިކޮށް އުޅޭ ދެ ލޯބިވެރިންގެ ގޮތުގަ އެވެ. ދެތަރިން އެކުގައި 2008 ވަނަ އަހަރު ނުކުތް ފިލްމު "ތަޝާން"ގެ ސެޓުން ލޯބި އުފެދި ކައިވެންޏާ ހަމައަށް ދެތަރިން ދިޔައީ 2012 ވަނަ އަހަރެވެ. ސައިފްގެ ކުރީގެ ކައިވެންޏަށް ދެ ކުދިން ތިބި ނަމަވެސް އެއީ މައްސަލައެއް ނޫންކަމަށް ކަރީނާ ދެކުނެވެ. ލޯބި އުފެދި ދުރުވާން އުނދަގޫވެ ދެތަރިން އެންމެ ފަހުން ކައިވެނިކޮށް ދެމަފިރިންގެ ކައިވެންޏަށް އަލަތު ދަރިފުޅު އުފަންވީ 2016 ވަނަ އަހަރެވެ. ތައިމޫރު އަލީ ޚާން ގެ ނަން ދަރިފުޅަށް ދިން އިރު އުފަންވީއްސުރެ މިއަދާ ހަމައަށްވެސް ތައިމޫރަކީ މީޑިއާއާ ވަރަށް ގާތް މޫނެކެވެ. ތައިމޫރުގެ ވާހަކަތައް މީޑިއާތަކަށް ފެންމަތިނުވާ ދުވަސްކޮޅެއް މަދުވާނެ އެވެ.

ސައިފް އާއި ކަރީނާގެ ކައިވެނި ފޮޓޯއެއް: ސައިފްގެ ކުރިމަތީގައި އެހުރީ އޭނާގެ ހަގު ދަރިފުޅު އިބްރާހިމް އަދި ރީނދޫ ކުލައިގެ ސާޅީ އަޅައިގެން އެހުރީ ސައިފްގެ ދޮށީ ދަރިފުޅު ބަތަލާ ސާރާ---

ސައިފް އާއި ކަރީނާގެ ކައިވެންޏަށް އަށް އަހަރު ފުރި އެ ކައިވެންޏަށް އިތުރު ދަރިއަކު އުފަންވާން އުޅޭކަން ކަރީނާ ހާމަކުރީ މީގެ ދެމަސްކުރިންނެވެ. ކައިވެންޏަށް އިއްޔެ އަށް އަހަރު ފުރުމާއެކު ކަރީނާ އިންސްޓަގްރާމްގައި ވަނީ ޕޯސްޓެއްވެސް ހިއްސާކޮށްފަ އެވެ.

"އެއްދުވަސްވަރެއްގައި އުޅުނޯ ބޭބޯ ނަމަކަށް ކިޔާ އަންހެން ކުއްޖަކާ ސައިފް ކިޔާ ފިރިހެން ކުއްޖެއް. ދެ މީހުންނަށް ވެސް ސްޕެގެޓީ ވަރަށް ކަމުދާ ކަމަށާއި އެންޑް ދޭ ލިވްޑް ހެޕިލީ އެވާ އާފްޓާ،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ކަރީނާ ކަޕޫރު އަދި އޭނާގެ ފިރިމީހާ ސައިފް ހާން އަދި ދަރިފުޅު ތައިމޫރު---

ސައިފް އާ އިނުމުގެ ކުރިން ކަރީނާ ވަނީ އެކްޓަރު ޝާހިދު ކަޕޫރާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ނުކުތް ފިލްމު "ފިދާ" ސެޓުން ލޯބީގެ ގޮތުން ގުޅުނު ދެތަރިން ރުޅިވީ 2007 ވަނަ އަހަރު ނުކުތް ފިލްމު "ޖަބް ވީ މެޓް"ގެ ސެޓުންނެވެ. ސައިފް ކުރިން ކައިވެނިކުރީ ބަތަލާ އަމްރިތާ ސިންހް އާ އެވެ. އެ ކައިވެންޏަށް ވަނީ ސާރާ އަލީ ޚާން އާއި އިބްރާހިމް އަލީ ޚާން ލިބިފަ އެވެ.

comment ކޮމެންޓް