އެކްޓަރު ފަރާޒް ޚާންގެ ހޮސްޕިޓަލް ބިލްތައް ދައްކައިދިނީ ސަލްމާން

ފަރާޒްގެ ހޮސްޕިޓަލް ބިލްތައް ސަލްމާން ވަނީ ދައްކައިދީފައި--

ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ބޮލީވުޑްގެ އެކްޓަރު ފަރާޒް ޚާން 46، އަށް މި މަހު އަށްވަނަ ދުވަހުން ފަށައިގެން އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

ސިކުނޑީގައި އިންފެކްޝަނެއް އުފެދި ހާލު ސީރިއަސްވެގެން ބެންގަލޫރުގެ ވިކްރަމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރާޒަށް ފަރުވާދެމުން އައިއިރު ބޭސްފަރުވާ ކުރާނެ ފައިސާ ހަމަނުޖެހިގެން މާލީ އެހީ ބޭނުންވާ ވާހަކަ ސޯޝަލް މީޑިއާ އިން ފެނިގެންދިޔަ އެވެ.

ފަރާޒް އަށް އެހީވުމަށް ފުރަތަމަ އިސްނެގީ އޭނާއާ އެކު ފިލްމުތަކުގައި މަސައްކަތްކުރި ބަތަލާ ޕޫޖާ ބަޓް އެވެ. ފަރާޒް އަށް އެހީވުމަށް އެދި ޓްވިޓާގައި އޭނާ އެދުމުން ގިނަ ބަޔަކަށް އެ ޓްވީޓް ފެނި ވަނީ ފަންޑްރައިޒްވެސް ކޮށްފަ އެވެ.

އޭގެ ފަހުން ފަރާޒްގެ އެކުވެރިއެއް ކަމަށްވާ ކަޝްމީރާ ޝާހް އޭނާގެ އިންސްޓަގްރާމަށް ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފަރާޒަށް އެހީވުމަށް ފިލްމު އިންޑަސްޓްރީގެ ސަމާލުކަމަށް ގެނެވި ފަރާޒްގެ ހޮސްޕިޓަލްގެ ބިލްތައް މިހާރު އެކްޓަރު ސަލްމާން ޚާން ދައްކައިދީފައިވާ ކަމަށެވެ. އޭނާ ބުނީ ސަލްމާން އަކީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު އިންސާނެއް ކަމަށާއި ފަރާޒް އަށް އަޅާލައި އޭނާގެ މެޑިކަލް ބިލްތައް ދައްކައިދިން ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

ފަރޭބްގެ އެކްޓަރު ފަރާޒްގެ ސިއްހީ ހާލު ސީރިއަސް އިރު ސަލްމާން އޭނާއާއެކު ހުރިކަން ސާބިތުކޮށްދިނުމުން އުފާވާ ކަމަށެވެ. "ފިލްމު އިންޑަސްޓްރީގައި ސަލްމާން ހާ ދީލަތި މީހެއް ނެތް،" އޭނާ ބުންޏެވެ.

ސަލްމާންގެ އިތުރުން ޕޫޖާ ބަޓް އަދި ސޯނީ ރާޒްދަން ވެސް ވަނީ ފަރާޒްގެ ފަންޑްރައިޒިންއަށް ކޮންޓްރިބިއުޓްކޮށްފައެވެ.

މީގެ ކުރިން ފަރާޒްގެ ކޮއްކޮ ފަހްމާން ޚާން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ފާއިތުވި އަހަރެއްހާ ދުވަހު ބޭބެ އުޅުނީ ވަރަށް ބަލިކޮށް ކަމަށާއި އެންމެ ފުރަތަމަ މޭގައި އިންފެކްޝަން އުފެދިގެން އަބަދު ކެއްސާތީ އުޅުން ކަމަށެވެ. އަދި މިހާރު އެ އިންފެކްޝަން ސިކުނޑީގައި ވެސް އުފެދިފައިވާ ކަމަށާއި ބޭބެ ސަލާމަތްވާނެ ކަމާމެދު ޑަކްޓަރުން ވެސް ދިނީ 50-50 ޗާންސެއް ކަމަށެވެ. ބޭސްފަރުވާއަށް މަދުވެގެން 25 ލައްކަ ރުޕީސް ބޭނުންވާކަމަށް ފަހްމާން ބުންޏެވެ.

އެކްޓަރު ފަރާޒްގެ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވީ 1998 ވަނަ އަހަރު ރާނީ މުކަރްޖީއާއެކު ކުޅުނު ފިލްމު "މެހެނދީ" އެވެ.

comment ކޮމެންޓް