ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގައި ރައްކާކޮށްފައިވާ ފެން ކަނޑަށް ބޭރު ކުރަނީ: ޖަޕާނުގެ މީޑިއާ

ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގައި ހުރި ފެން ރައްކާ ކުރާ ޓޭންކުތައް ދަނީ ފުރެމުން --- ފޮޓޯ: ރޮއިޓާސް

ޓޯކިޔޯ (އޮކްޓޯބަރު 16): ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ޓޭންކުތަކުގައި ރައްކާކޮށްފައިވާ ފެން ކަނޑަށް ބޭރު ކުރަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ފުކުޝީމާގެ ޑައިޗީ ނިއުކްލިއާ ޕްލާންޓަނީ 2011 ވަނަ އަހަރު ޖަޕާން ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން ސުނާމީ އެރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި ކާރުހާނާއެކެވެ. އެ ހާދިސާގައި އެ ކާރުހާނާގެ ތިން ނިއުކްލިއާ ރިއެކްޓަރު ގޮވާ، ރޭޑިއޭޝަން ބޭރުވި އެވެ. އޭގެ ސަބަބުން އެ ސަރަހައްދުން 470،000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހުނެވެ. އަދި އޭގެ ތެރޭގައި ހޮސްޕިޓަލްތަކުން ގެންދިޔަ 44 މީހަކު މަރުވި އެވެ.

އޭގެ ފަހުން އެ ކާރުހާނާގެ ރިއެކްޓަރުތައް ފިނި ކުރަން ބޭނުން ކުރާ ފެނާ އެއްވާ ވާރޭ ފެނާއި ބިމުއަޑީގެ ފެން ތަޣައްޔަރުވުމުން އެ ފެން ރައްކާ ކުރަމުން ގޮސް، އެ ކާރުހާނާގެ ޓޭންކުތަކުގައި ހުރި ފެނުގެ މިންވަރު މިހާރު ވަނީ އެއް މިލިއަން ޓަނަށް ވުރެ އިތުރުވެފަ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ ޓޭންކުތައް ފުރޭނެ ކަމަށް އެ ކާރުހާނާ ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ) ކުންފުނިން ބުންޏެވެ.

ޖަޕާނުގެ މީޑިއާތަކުން ބުނި ގޮތުގައި އެ ޓޭންކުތަކުގައި ރައްކާކޮށްފައިވާ ފެން ކަނޑަށް ދޫކުރަން ނިންމާފައިވާކަން އެގައުމުގެ ސަރުކާރުން މި މަސް ތެރޭ އިއުލާން ކުރާނެ އެވެ. އަދި އެ ފެނުގެ ރޭޑިއޯއެކްޓިވިޓީ ދަށް ކުރަން ފެން ފިލްޓާ ކުރުމަށް ފަހު، 2022 ވަނަ އަހަރު ފެން ބޭރު ކުރަން ފަށާނެ ކަމަށް އެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

ޖަޕާނުގެ އިންޑަސްޓްރީ މިނިސްޓަރު ހިރޮޝީ ކަޖިޔާމާ ވިދާޅުވި ގޮތުގައި ފުކުޝީމާ ޕްލާންޓުގެ ފެން ކަނޑަށް އެޅުމާ ބެހޭ ގޮތުން ސަރުކާރުން އަދި ގޮތެއް ނިންމާފައި ނުވެ އެވެ. ނަމަވެސް އެ ކާރުހާނާ ރޫޅާލުން ވީހާވެސް އަވަސް ކުރުމުގެ ގޮތުން އެ ފެނާ މެދު އަމަލު ކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ އެވެ.

ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ފެން ކަނޑަށް ބޭރު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނެ އެވެ. އަދި މަސްވެރިން ވަނީ އެ ފެން ކަނޑަށް ބޭރުކޮށްފި ނަމަ އެ ސަރަހައްދުން ބާނާ މަސް ގަންނަން މީހުން ދެކޮޅު ހަދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ބައެއް ސައިންސުވެރިން ބުނާ ގޮތުގައި ރޭޑިއޯއެކްޓިވިޓީ ދަށްކޮށްފައިވާ އެ ފެން ކަނޑަށް ބޭރު ކުރުމުން އިންސާނުންނާއި ކަނޑުގެ ދިރުންތަކަށް ގެއްލުމެއް ނުލިބޭނެ އެވެ.

ޖަޕާނަށް 2011 ވަނަ އަހަރު އައި 9.1 މެގްނިޓިއުޑުގެ ބިންހެލުމަށް ފަހު އެރި ސުނާމީގެ ސަބަބުން 18،000އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް