ތައިލޭންޑުގެ މުޒާހަރާތައް ކުރިއަށް، ބޮޑުވަޒީރު ވިދާޅުވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް

ތައިލޭންޑުގައި އިއްޔެ ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް ރޭ ގިނަ އަދަދެއްގެ މީހުން ވަނީ ބޭންކޮކަށް އެއްވެފަ -- ފޮޓޯ: އީޕީއޭ

ބޭންކޮކް (އޮގަސްޓު 16): ތައިލޭންޑުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވަމުން ދިޔަ ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ޕްރަޔުތު އެފަދައިން ވިދާޅުވީ އިއްޔެ ތައިލޭންޑުގައި ބޮޑެތި އެއްވުންތައް ބޭއްވުން މަނާކޮށް، ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް ރޭ ގިނަ އަދަދެއްގެ މީހުން ބޭންކޮކްގައި މުޒާހަރާ ކުރި ފަހުންނެވެ. އަދި އެފަދަ މުޒާހަރާތައް ބޭއްވުން ހުއްޓާނުލާނެ ކަމަށް ބުނި ފަހުންނެވެ.

ބޮޑުވަޒީރު މިއަދު ހެނދުނު ބޭއްވި ކުއްލި ކެބިނެޓު ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި އެއްވުންތައް ބޭއްވުން ހުއްޓާ ނުލާ ނަމަ، ކުއްލި ހާލަތުގެ ދަށުން ސަރުކާރަށް ލިބޭ ބާރުތަކުގެ ބޭނުން ކުރާނެ އެވެ. އަދި އޭނާ އިސްތިއުފާ ދެއްވުމުގެ ހިޔާލު ނުގެންގުޅުއްވަ އެވެ.

"އަޅުގަނޑު އިސްތިއުފާ ނުދޭނަން. ސަރުކާރުން ކުއްލި ހާލަތުގެ [ބާރުތައް] ބޭނުން ކުރަން ޖެހޭ. މިހާރު ހަމަނުޖެހުންތައް އުފެދިފައި ވުމުން އަޅުގަނޑުމެން [ކުއްލި ހާލަތައިގެން] ކުރިއަށް ދާން އެބަ ޖެހޭ،" ޕްރަޔުތު ވިދާޅުވި އެވެ.

ބޮޑުވަޒީރު ފާހަގަ ކުރެއްވި ގޮތުގައި ކުއްލި ހާލަތު ހިންގަން ހަމަޖެހިފައި ވަނީ 30 ދުވަހަށެވެ. އަދި ގައުމުގެ ހާލަތު ރަނގަޅުވެއްޖެ ނަމަ އެއަށް ވުރެ އަވަހަށް އާއްމު ހާލަތަށް ރުޖޫއަވެވިދާނެ އެވެ.

ތައިލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެގައުމުގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ގައުމީ ސަލާމަތަށް ގެއްލުންވާނެ ކަމަށް ބެލެވޭ ހަބަރުތައް ޝާއިއުކޮށް އޮންލައިންކޮށް އެފަދަ މައުލޫމާތު ފެތުރުންވެސް ވަނީ މަނާކޮށްފަ އެވެ.

ތައިލޭންޑުގައި މިއަހަރު އެންމެ ފުރަތަމަ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ އެގައުމުގެ ޑިމޮކްރަސީއަށް ތާއިދު ކުރާ ފިއުޗާ ފޯވާޑް ޕާޓީ (އެފްއެފްޕީ) ކޯޓު އަމުރެއްގެ ދަށުން ފެބްރުއަރީ މަހު އުވާލުމުންނެވެ. އެ ޕާޓީއަކީ މިދިޔަ އަހަރު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނައިން ޕާލިމެންޓުގެ ގޮނޑިތައް ކާމިޔާބު ކުރި ޕާޓީ އެވެ. އެ އިންތިހާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، ވެރިކަން ހޯއްދެވީ 2014 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ޕްރަޔުތު އެވެ.

އޭގެ ފަހުން ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން ތައިލޭންޑުގެ މުޒާހަރާތައް ހުއްޓުމަކަށް އަ އެވެ. ނަމަވެސް ޑިމޮކްރަސީއަށް ތާއިދު ކުރާ އެގައުމުގެ އެކްޓިވިސްޓަކު، އަމިއްލައަށް އަރުވާލެވިގެން ކެމްބޯޑިއާގައި ދިރިއުޅެނިކޮށް ވީނުވީ ގޮތެއް ނޭނގި ގެއްލުމާ ގުޅިގެން އަނެއްކާ ވެސް މުޒާހަރާތައް ފުޅާވެގެން ދިޔައީ އެވެ.

ތައިލޭންޑުގެ ޔުނިވާސިޓީ އަދި މަތީ ސާނަވީ ސްކޫލުތަކުގެ ދަރިވަރުން އާންމު ގޮތެއްގައި އިސް ނަގައިގެން ބާއްވާ އެ މުޒާހަރާތަކުގައި ދަނީ ޕްރަޔުތުގެ އިސްތިއުފާއަށާއި ޕާލިމެންޓު އުވާލުމަށާއި އާ ގާނޫނުއަސާސީއެއް އެކުލަވާލުމަށް ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ރަސްކަމަށްވެސް އިސްލާހުތައް ގެނައުމަށް ގޮވާލާފަ އެވެ. އެގޮތުން ރަސްގެފާނުގެ ބާރުތައް ކުޑަކޮށް، ޝާހީ އާއިލާއަށް ފާޑުކިޔުން މަނާ ކުރާ ގާނޫނު އުވާލަން ޖެހޭ ކަމަށް ބުނަމުންނެވެ.

ތައިލޭންޑުގެ ގާނޫނުތަކުގައި މިހާރު އޮންނަ ގޮތުން ޝާހީ އާއިލާގެ އަބުރަށް އަރައިގަންނަ މީހަކު ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. އަދި އެގައުމުގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކަކީ އެގައުމުގެ ރައްޔިތުން ފާޅުކަން ބޮޑު ގޮތެއްގައި ރަސްކަމަށް ފާޑު ކިޔާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް