އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީސީއާރު ހަދަމުން ދިޔަ ލެބޯޓަރީގައި ފުރިހަމަ އޮޓޮމޭޓޭޑް ރޯޗް ލައިޓް ސައިކްލަރ 480 ޕީސީއާރު ސިސްޓަމެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.
އެއާއެކު ކޮވިޑް ޓެސްޓު ހެދުމުގެ ހަރަދުތައް ކުޑަވެގެން ގޮސްފައިވާތީ، މިއަދުން ފެށިގެން ޓެސްޓު ކޮށްދޭ އަގު ހެޔޮކުރަން ނިންމީ ކަމަށެވެ.
ކުރިން އެ ހޮސްޕިޓަލުން ދިވެހީންނާއި ވޯކް ޕާމިޓު އޮންނަ ބިދޭސީންގެ ޕީސީއާރު ޓެސްޓު ހަދައިދެނީ 1500 ރުފިޔާ އަށެވެ. އަދި ފަތުރުވެރިންގެ ޓެސްޓު ހަދައިދެނީ 110 ޑޮލަރަށެވެ.
ނަމަވެސް މިހާރު ދިވެހީންނާއި ވޯކް ޕާމިޓު އޮންނަ ބިދޭސީންގެ ޕީސީއާރު ޓެސްޓު ހަދައިދެނީ 1200 ރުފިޔާ އަށެވެ. އަދި ފަތުރުވެރިންގެ ޓެސްޓު ހަދައިދެނީ 80 ޑޮލަރަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޕީސީއާރު ޓެސްޓުގެ އަގުބޮޑު ކަމަށް ބުނެ މީގެކުރިން ފާޑުކިޔުން އަމާޒުވި އެވެ. އެ ހޮސްޕިޓަލުން ބުނީ ކޮވިޑް ޕީސީއާރު ޓެސްޓަށް ނަގާ އަކީ، އެ ޓެސްޓް ކުރުމަށް ހިނގާ ހަރަދަށް ބަލާއިރު، ނިސްބަތުން ކުޑަ އަގެއް ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލް ތިން ބާވަތެއްގެ ޓެސްޓު ހަދަ އެވެ. އެއީ ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުކުރުމަށް ހަދާ ޕީސީއާރު ޓެސްޓާއި އެންޓި ބޮޑީ ޓެސްޓް އަދި ރެޕިޑް ޓެސްޓެވެ.