ސީރިއާ ހަނގުރާމައަށް ދިޔަ ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާޖެއައި މީހާ ފުލުހުންގެ ވެހިކަލެއްގައި ---

ސީރިއާގައި ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒަޑް ކްރައިމް ޑިޕާޓްމަންޓަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހައްޔަރުކުރި މީހާ ރާއްޖެ އައީ މިއަދު ކަމަށާއި، ސީރިއާގައި ކުރިއަށް ދިޔަ ޓެރަރިސްޓު ހަރަކާތްތަކުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި އޭނާ އަކީ ބޭރު ގައުމުތަކުގައި ހަރަކާތްތެރިވާ ދިވެހި ޓެރަރިސްޓު ހަނގުރާމަވެރިންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށެވެ.

އޭނާ މާލޭގައި ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުނ މިރޭ ވަނީ ބަލައި ފާސްކޮށްފައެވެ.

ސީޕީ ހަމީދު މީގެކުރިން ވިދާޅުވެފައި ވަނީ ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށެވެ.

ސީޕީ ވިދާޅުވީ އަފްގާނިސްތާން، ޕާކިންސާންގައި ހިނގި ހަމަނުޖެހުމާއި ހަރުކަށި އަމަލުތަކުގެ ތެރޭގައިވެސް އެތައް ސަތޭކަ ދިވެހިން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެނބުރި ރާއްޖެ އައިސް އެ ފިކުރު ފެތުރުމުގެ މަސައްކަތްތަކެއް ކުރާ ކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ނެޝެނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން މިދިޔަ ޑިސެމްބަރު މަހު ބުނީ ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހުންގެ ތެރެއިން މިހާރު ދިރިތިބީ 81 މީހުން ކަމަށާއި އޭގެ ތެރެއިން 73 މީހުންނަކީ، އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަ ތަކަށް ގޮސް އެތައް ދިވެހިން މަރުވެފައިވެސް އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ސީރިޔާއަށް ދިޔަ ބައެއް މީހުންގެ ހުވަފަތް ވެފައިވާ އެ މީހުންގެ އަނބިންނާއި ޔަތީމުވެފައިވާ ދަރިން އެނބުރި ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ވަނީ ތާށިވެފަ އެވެ. އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އާއިލާތަކުން ދަނީ އެދެމުން އެވެ.

ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރަން ކ. ހިންމަފުށީގައި ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ވަނީ އިމާރާތްކޮށްފައެވެ.

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނެސް އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރަން ނިންމެވީ ރައީސް ސޯލިހެވެ.

comment ކޮމެންޓް