ހުއްދަ ނުލިބިގެން ތޮއްޑޫ ގެސްޓަހައުސް ވެރިން އިހުތިޖާޖް ކުރަނީ

ތޮއްޑޫ ގެސްޓް ހައުސްވެރިން އިހްތިޖާޖް ކުރަނީ --

ކޮވިޑް19އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، އަލުން ހުޅުވުމުގެ ހުއްދަ ނުލިބިގެން ތޮއްޑޫ ގެސްޓް ހައުސްތަކުގެ ވިޔަފާރިވެރިން އިހްތިޖާޖް ކުރަން ފަށައިފި އެވެ.

ހަތް މަސްދުވަހަށްފަހު، މިއަދު ވަނީ ރާއްޖޭގެ ބައެއް ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އެރަށްތަކުގެ ތެރޭގައި ގިނަ ގެސްޓްހައުސްތަކެއް އޮންނަ ތޮއްޑޫ ނުހިމެނެވެ.

އެކަމާ ގުޅިގެން، މިއަދު މެންދުރުން ފެށިގެން އެރަށު ކައުސިލް އިދާރާގައި ގެސްޓްހައުސްގެ ވެރިން އަންނަނީ ހިމޭން އިހްތިޖާޖެއް ކުރަމުންނެވެ.

އިހްތިޖްގައި ހިމެނޭ ގެސްޓް ހައުސްގެ ވެރިއަކު "ސަން"އަށް ވިދާޅުވީ، ފަހު ވަގުތު ގެސްޓްހައުސް ހުޅުވުމަށް އޮތް ހުއްދަ ނުލިބުނީ، ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ޓޫރިޒަމް މިނިސްޓްރީއަށް ނުފޮނުވާ އޮތުމުން ކަމަށެވެ. އަދި އެ ލިޔުން ކައުންސިލުން ފޮނުވާފައި ނުވަނީ ފުލުހުންގެ ހިދުމަތް ރަށުގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުއްދަ ނުލިބިގެން ފަހު ވަގުތު އަޅުގަނޑުމެންނަށް އެނގުނީ ކައުންސިލުން ފޮނުވަން ޖެހޭ ލިޔުުން ނުފޮނުވާ އޮތް ކަން. ދެން ކައުސިލާ ބައްދަލު ކުރީމަ، އެބޭފުޅުން ވިދާޅުވީ، އެންމެގެ އެއްބާރުލުން ނުލިބި އެކަން ނުވާނެ ކަމަށް. އަދި ޕޮލިހުން މިކޮޅުގައި [ރަށުގައި] ނެތުމުން ހުއްދަ ނުލިބޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަށް އާދެވެން އޮތީ، އެމީހުންނަށް އެކޮމަޑޭޝަންއާއި މަސައްކަތް ކުރެވޭނެ ތަނެއް ލިބުން ކަމަށެވެ.

"ގެސްޓްހައުސްތަކުން ހުށަހެޅި ހަ މަސްދުވަސްގެ އެކޮމަޑޭޝަންއާއި ފުޑްވެސް ދޭ ގޮތަށް. ދެން ކައުންސިލްގައި މަސައްކަތް ކުރެވޭ ގޮތަށް،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ފުލުހުންގެ ފަރާތުނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީންވެސް ފުލުހުން އަންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކައުންސިލުން އަންނަގަނީ ހޯމް މިނިސްޓްރީގެ ރަސްމީ ބަހެއް ލިބިގެން ކަމަށް ހުއްދަ ދެވޭނީ،"

ތޮއްޑޫ ގެސްޓްހައުސް ވެރިން އިހްތިޖާޖް ކުރަނީ --

ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ތޮއްޑޫގައި ޕޮލިސް ޑެސްކެއްވެސް ނުހުރެއެވެ. މިހާތަނަށް އައި އިރު އެރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައި ނެތުމުން އެކަމުގެ ކަންބޮޑުވުންވެސް ރަށުގެ ރައްޔިތުންގެ އެބަ އޮތެވެ.

"މިތަނުން ދާން އަޅުގަނޑުމެން ގަސްތުކުރަނީ ކައުންސިލުން ޖަވާބެއް ދިނުމުން. ޖަވާބެއް ނުދެނީސް އިހްތިޖާޖް ހުއްޓައެއް ނުލާންނަ،" ގެސްޓް ހައުސްއެއްގެ ވެރިޔަކު ވިދާޅުވިއެވެ.

ތޮއްޑޫގައި ޖުމްލަ 37 ގެސްޓް ހައުސްއެއް ރަޖިސްޓްރީކޮށްފައިވާއިރު، 10 ގެސްޓްހައުސްއެއް ހުޅުވުމަށް ހުއްދައަށް އެދިފައިވެއެވެ. އޭގެ އިތުރުން އެހެން ގެސްޓްހައުސްތައްވެސް އޮޕަރޭޝަނަށް އައުމަށް ދަނީ ތައްޔާރުވަމުންނެވެ.

"މި މަހު 17އަށް ވެސް އެބަހުރި ޓޫރިސްޓުންގެ ބުކިން ހަދާފައި. ކިހާ ބޮޑު ގެއްލުމެއް މިގޮތަށް ފަހު ވަގުތު ހުއްދަ ނުލިބުމުން. މިހާރު އަޅުގަނޑުމެން މި ތިބީ، ވާނުވާގައި. ބުކިން ހެދި ޓޫރިސްޓުންނަށް ދޭނެ ޖަވާބެއް ނެތް އަޅުގަނޑުމެން އަތުގައި،" އޭނާ ވިދާޅުވިއެވެ.

ނުވަ ރަށަކުން 16 ގެސްޓްހައުސް ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަދީފައެވެ. އެއީ ވ. ތިނަދޫ، ކ. މާފުށި، އއ، މަތިވެރި އަދި ކ. ހުރާގެ އިތުރުން ވ. ފުލިދޫއާއި ނ. ފޮއްދޫއަށް ނިސްބަތްވާ ގެސްޓްހައުސްތަކެކެވެ.

comment ކޮމެންޓް