"ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން ކަރީނާ ނިންމާލައިފި

ކަރީނާ އާއި އާމިރު: ކަރީނާ ވަނީ މި ފިލްމުގެ މަންޒަރުތައް ނަގާ ނިންމާފައި--

މަޝްހޫރު އެކްޓަރު އާމިރު ޚާން އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލާލް ސިންހް ޗައްޑާ"ގެ ޝޫޓިން ކަރީނާ ނިންމާލައިފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ފިލްމުގެ ޝޫޓިންއަށް ކަރީނާ ވަނީ ދިއްލީއަށް ގޮސްފަ އެވެ. އެ ފިލްމުގެ ކަރީނާ ފެނިގެންދާ މަންޒަރުތައް ޝޫޓްކޮށް ނިންމުމަށް ފިލްމުގެ ޝޫޓިން އަވަސްކުރީ ކަރީނާ ބަނޑުބޮޑުވުމާ ގުޅިގެންނެވެ.

ފިލްމުގެ މަންޒަރުތައް ނިންމާލުމަށް ފަހު އިންސްޓަގްރާމްގައި ކަރީނާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ ހުރިހާ ދަތުރެއް ވެސް ނިމުމަކަށް އަންނާނެކަމަށާއި މިއަދު އޭނާ ލާލް ސިންހް ޗައްޑާގެ ޝޫޓިން ނިންމާލައިފި ކަމަށެވެ. އުނދަގޫ ދަތި ދުވަސްކޮޅެއް ނަމަވެސް ފިލްމުގެ މަސައްކަތް ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށާއި ބަނޑުބޮޑުވި ނަމަވެސް ފިލްމީ ދާއިރާގެ މަސައްކަތްތައް އޭނާގެ ސަބަބުން ނުހުއްޓޭނެ ކަމަށެވެ. އަދި ފިލްމުގެ ހުރިހާ މަންޒަރުތަކެއް ޝޫޓްކުރީ ސަލާމަތީ ފިޔަވަޅު އަޅާއި ރައްކާތެރިކަމާއެކުގައި ކަމަށެވެ.

އެ ފިލްމަކީ މިއަހަރު ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް މިހާރު އެ ފިލްމު ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ފަސްކޮށްފަ އެވެ. މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ.

ލާލް ސިންގް ޗައްޑާ އަކީ އާމިރު އާއި ކަރީނާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ. ދެތަރިން އެންމެ ފުރަތަމަ ސްކްރީނުން ފެނިގެން ދިޔައީ "ތްރީ އީޑިއަޓްސް" އިންނެވެ. އެއަށް ފަހު ދެތަރިން އެކުގައި "ތަލާޝް" ކުޅުނެވެ.

comment ކޮމެންޓް