އިގްތިސޯދު ކޮޅަށްޖަހަން ޗައިނާއާއެކު އިގްތިސޯދީ ގުޅުން ހަރުދަނާކުރަނީ

ޗައިނާއާއެކު ގުޅުން ހަރުދަނާކުރަން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ކޮވިޑް19 އަށްފަހު އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރާއިރު ޗައިނާއާއެކު އިގްތިސޯދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާ ބައްދަލުވުމުން ކުރިއަށް ދިޔައީ މިއަދު މެންދުރު ފަހު ފޮރިން މިނިސްޓްރީގައެވެ.

ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ދެ ގައުމުގެ އިގްތިސޯދީ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދު އިޔާދަކުރަން ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ މީގެކުރިން ވެސް ވިދާޅުވެފައެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމާ ހަމައަށް ވެސް ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ އަހަރަކު ވެސް އެއްގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ޗައިނާއިންނެވެ.

ފަތުރުވެރިން އަންނަ އަދަދު އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު މެދުކެނޑިފައި އޮތް ދަތުރުތަކާއި ވިޔަފާރީގެ ގުޅުން ވީހާވެސް އަވަހަށް އަލުން ފަށައިގަތުމަށް މިނިސްޓަރު ޝާހިދު ވަނީ ގޮވާލައްވާފަ އެވެ. އަދި ހަމައެއާއެކު ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

ޗައިނާއިން ދަނީ ރާއްޖޭގެ އިގްތިސޯދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ޕެންޑެމިކްގެ ތެރޭގައިވެސް ޗައިނާ ސަރުކާރާ ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް