ރޭޕްކުރި ކުޑަކުއްޖެއްގެ މައުލޫމާތު ހާމަކުރެވުނީތީ ޕީޖީ މައާފަށް އެދިއްޖެ

ޕީޖީ ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ލައިވް ކުރި ކޮމިޓީއެއްގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ޖިންސީ ކުށުގެ ގާނޫނުގައި ހާމަ ނުކުރަން ބުނެފައިވާ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ބައެއް މައުލޫމާތު ހާމަކުރި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މައާފަށް އެދިވަޑައިގެންފިއެވެ.

ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުގެ ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމް ކުރަން ޖިންސީ ކުށުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާ ކުރުމުގެ މަސައްކަތް އިއްޔެ ކޮމިޓީއިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ހިޔާލު ދެއްވުމަށް ޕީޖީ އޮފީހުގެ ފަރާތުން ވަޑައިގެންނެވީ އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ފާތިމަތު ނަބާހާ އެވެ.

ރޭޕް ކިޓުން ސާމްޕަލް ނަގަން ދޭ ރުހުމަކީ ލިޔުމުން ދޭ ރުހުމެއް ކަމުގައިވުން މުހިންމުކަން ފާހަގަ ކުރައްވާ ނަބާހާ ވަނީ އެ އޮފީހާއި ތަހުގީގީ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޭސްއެއް މިސާލެއް ގޮތުގައި ނަންގަވާފަ އެވެ. ކޮން ކޭސްއެއްކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ ކުށުގެ ޝިކާރައަކަށްވީ ކުއްޖާގެ ނަމެވެ. އަދި އެއީ އެތަނުގައި ތިބި ގިނަ މުއައްސާސާތަކަށް އެނގޭނެ ކޭސްއެއް ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އެކުއްޖާއަކީ ކޮން ކަހަލަ ހާލަތެއްގައި ހުރި ކުއްޖެއް ކަމާއި އޭނާ ރޭޕްކުރީ ކާކު ކަމާއި އޭގެ ފަހުން ކަންހިނގާ ދިޔަ ގޮތުގެ ގިނަ ތަފްސީލުތަކެއް ވަނީ ކޮމިޓީގައި ހާމަކޮށްފަ އެވެ.

އެހުރިހާ މައުލޫމާތެއް ހާމަކުރި ނަމަވެސް ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އޭނާ ހުއްޓުވާފައެއް ނުވެ އެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހަށާއި، އަދި މެމްބަރު ޖީހާނަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޕީޖީ ޝަމީމް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ މަޖިލީހުގެ ކޮމެޓީގައި ޕީޖީ އޮފީހުގެ ސްޓާފަކަށް އެފަދަ މައުލޫމާތެއް ހާމަކުރެވުނީ އޮޅިގެން ކަމަށެވެ.

އަދި އެއީ ނޭނގުމެއްގެ ތެރޭގައި ހެދުނު ގޯހެއް ކަމަށާއި، ކޮމެޓީ ލައިވް ކުރާކަން ޕީޖީގެ ސްޓާފަށް ނޭނގޭ ކަމަށެވެ.

"މިފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރަން ކުރަންޖެހޭ ކަންކަން މިހާރު ވަނީ ކޮށްފައި،" ޕީޖީ ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވެސް އިއްޔެ ބުނެފައި ވަނީ ކޮމިޓީ ބައްދަލުވުމުގައި ވަކި ކޭސްއެއްގެ މައުލޫމާތު އާންމު ކުރެވުނީ އެ ކޮމިޓީއަކީ ލައިވް ކުރި ކޮމިޓީއެއްކަން ނޭނގޭތީ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރޭޕް ކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއްގެ ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑީއާގެ އެއްވެސް ވަސީލަތެއްގައި ބަޔާން ކުރުމުގެ ނުވަތަ ޝާއިއު ކުރުމުގައި އެ ކުށުގެ ޝިކާރައަކަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ އެ ގާނޫނު މަނާ ކަމެއް ކަމަށެވެ.

އެމާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެފަދަ ކަމެއް ސާބިތު ވެއްޖެ ނަމަ 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގާނޫނީ ވަކީލަކު "ސަން" އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ލައިވްކޮށް އެންމެނަށް އަޑުއިވޭނެހެން ގެނެސްދިން ކޮމިޓީއެއްގައި އެފަދަ މައުލޫމާތެއް ހާމަ ކުރުމަކީ މީޑިއާގެ ވަސީލަތެއްގައި އެ މައުލޫމާތު ހާމަކުރުމަށް ވާނެ ކަމަށެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައިވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އެއްވެސް މީޑިއާއެއްގައި އަދި އެނޫންވެސް ވަސީލަތެއްގައި ހާމަ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެގޮތުން ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށް ޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލް ކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

comment ކޮމެންޓް