މަޝްހޫރު ދިގު ދުވުންތެރިޔާ ވަންޖީރޫ އެތުލެޓިކްސް ހަރަކާތްތަކުން ސަސްޕެންޑް ކޮށްފި

ކެންޔާގެ ދިގު ދުވުމަށް ހާއްސަ ޑެނިއެލް ވަންޖީރޫ މެރަތަންއެއް ނިންމުމަށްފަހު -- ފޮޓޯ//ގެޓީ އިމޭޖެސް

ކެންޔާގެ މަޝްހޫރު ދިގު ދުވުންތެރިޔާ، އަދި 2017 ވަނަ އަހަރުގެ ލަންޑަން މެރަތަން ކާމިޔާބު ކުރި ޑެނިއެލް ވަންޖީރޫ 2023 ގެ ނިޔަލަށް އެތުލެޓިކްސްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ހަދައިފި އެވެ.

މަނާ ބޭސް ބޭނުން ކުރި ކަމުގެ ތުހުމަތުގައި ވަންޖީރޫ ފުރަތަމައިން އެތުލެޓިކްސްއިން ސަސްޕެންޑް ކުރި މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެކަމަކު މަނާ ބޭސް ބޭނުން ނުކުރާ ކަމަށް ބުނެ ވަންޖީރޫ ވަނީ އެ މައްސަލައިގައި އޭނާއަށް ސާބިތުވެފައިވާ ކަންތައް އިސްތިއުނާފް ކުރުމަށް އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓް (އޭއައިޔޫ) ގައި އެދިފަ އެވެ.

އަދި އެ މައްސަލައިގައި ގޮތެއް ނުނިމި ދުވަސްތަކެއް ވުމަށްފަހު، އޭއައިޔޫއިން މިހާރު ވަނީ 28 އަހަރުގެ ދިގު ދުވުންތެރިޔާ 2023 ވަނަ އަހަރުގެ ޑިސެމްބަރު އަށެއްގެ ކުރިން ޕްރޮފެޝަނަލް އެއްވެސް އެތުލެޓިކްސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

މީގެ ކުރިން އެމްސްޓަޑަމް މެރަތަން ވެސް ކާމިޔާބު ކުރި ވަންޖީރޫ ވަނީ 2017 އާއި 2019 އާއި ދެމެދު 16 ފަހަރެއްގެ މަތިން މަނާ ބެހަށް ޓެސްޓް ކޮށްފަ އެވެ. އޭގެ ތެރެއިން 14 ވަނަ ޓެސްޓުގައި ވަންޖީރޫގެ ހަށިގަނޑުން އާދަޔާ ޙިލާފު އަދަދަކަށް ރެޑް ބްލަޑް ސެލް އިތުރުކަން ފާހަގަވެފައިވާ އިރު، އެއީ މަނާ ބޭހުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށް ވަންޖީރޫ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެކަމަށް އެއްވެސް ގަބޫލު ކުރެވޭ ދަލީލެއް ނެތަތީވެ، އޭއައިޔޫއިން ވަނީ އެކަމަކީ އެތުލެޓިކްސްގައި ބޭނުން ނުކުރެވޭ ފަދަ ބޭހެއް ނުވަތަ މެތަޑެއް ބޭނުން ކޮށްގެން އައި ބަދަލެއް ކަމަށް ނިންމާފަ އެވެ.

ވަންޖީރޫ ވަނީ 2016 ވަނަ އަހަރުގެ އެމްސްޓަޑަމް މެރަތަންއާއި 2017 ވަނަ އަހަރުގެ ލަންޑަން މެރަތަން ކާމިޔާބުކޮށްފަ އެވެ. އެހެން ނަމަވެސް 2018 އާއި 2019 ވަނަ އަހަރުގެ ލަންޑަން މެރަތަންގައި އޭނާއަށް ލިބިފައި ވަނީ 11 ވަނަ އެވެ.

comment ކޮމެންޓް