ރައީސް، ނައިބު ރައީސްގެ މުސާރަ ކުޑަކުރުމުން ހުށަހެޅި މައްސަލަ ހުކުމާ ހަމައަށް

ރައީސް އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން --

ކޮވިޑް-19 އާއެކު ރައީސް އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އެ ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. ވަކި ގާނޫނަކުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ކުޑަކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ބުނެ ހަލީމް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

މިއަދުގެ އަޑުއެހުމުގައި ހަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާއި، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ގާނޫނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި، އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގާނޫނު، ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު، އެންޓި ކޮަރަޕްޝަނުގެ ގާނޫނު، ކަސްޓަމްސްގެ ގާނޫނު، އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެހެންކަމުން ރައީސް އާއި ނައިބު ރައީސް އަދި މިނިވަން މުއައްސަސާތަކުގެ ފަރާތްތަކުގެ ގާނޫނުތަކަށް ބަދަލު ގެނައުުމަކާ ނުލައި ކުޑަކުރަން ކޮމެޓީ ރިޕޯޓުގައި ނިންމާފައި އޮތް ނިންމުމުގެ އެ ބައިތަކަކީ ބާތިލު ބައިތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދިފައިވެ އެވެ.

ހަލީމް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ގައުމުގެ އާންމު މަސްލަހަތާ ގުޅެނީ ކިހިނެއްތޯވެސް އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅޭ ދުސްތޫރީ މައްސަލަތަކުގަ އެވެ. ހަލީމް ވިދާޅުވީ މިނިވަން މުއައްސަސާތައް އުފައްދާފައި ހުންނަނީ ގައުމުގެ އާންމު މަސްލަހަތަށް ޓަކައި ކަމަށެވެ. އެ މުއައްސަސާތަކަށް އަރާ ކޮންމެ ލޮޅުމަކީ އާންމު މަސްލަހަތަށް ލޮޅުން އަރާނެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"... ވަކި ނުކުރެވޭނެ ގޮތަށް އޮތް ދެ މަސްލަހަތަށް ވާތީވެ އެއީ ސީދާ ގޮތުންވެސް ނުދީދާ ގޮތުންވެސް މުޖުތަމައުގެ އާންމު މަސްލަހަތަށް ލޮޅުން އަރާނެ ކަމަކަށް ވާތީވެ މިއީ ދުސްތޫރީ މައްސަލައެއް ކަމުގައި ބެލެވިގެން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ،" ހަލީމް ވިދާޅުވި އެވެ.

މައްސަލަ ހުށަހެޅުމުގެ ކުރިން މުސާރަ ކުޑަ ކުރި ފަރާތްތަކާ ވާހަކަ ދެއްކެވިންތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. ހަލީމް ވިދާޅުވީ އެއްގޮަތަކަށްވެސް އެ ބޭފުޅުންނާ ސުވާލު ނުކުރައްވާ ކަމަށެވެ.

މިހާރު އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅައިގެން ނުކުންނާނެ ނަތީޖާއަކީ ކޮބާތޯ ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވުމުން ހަލީމް ވިދާޅުވީ، ގާނޫނާ ހިލާފަށް ކަނޑައެޅޭ ކަންކަން އިސްލާހު ކުރެވި އެ ނޫން ގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ރައްކާތެރިކުރެވޭނެ ފަރުވާއެއް ކަމަށެވެ.

މުސާރަ ކުޑަ ކުރުމުގެ ސަބަބުން ބައެއް ބޭފުޅުންގެ މަސައްކަތަށް ލޮޅުން އަރަނީ ކިހިނެއްތޯ އައްސަވައި، މުޖުތަމައުގެ އާންމު މަސްލަހަތާ މި މައްސަލަ ގުޅެނީ ކިހިނެއްތޯފަނޑިޔާރު އަޒްމިރަލްދާވެސް ސުވާލު ކުރެއްވި އެވެ. ހަލީމް ވިދާޅުވީ، މުސާރަ ކުޑަ ކުރުމުން އެ ބޭފުޅުންނަށް ކުލި ދައްކަން ދަތިވުން ފަދަ ކަންކަން ދިމާވާނެ ކަމަށެވެ. ކުއްޔަށް ދޭ ފަރާތާ ދެމެދުވެސް މައްސަލަ އުފެދިދާނެ ކަމަށް ވިދާޅުވި އެވެ. މުސާރަ ކުޑަކުރުމުން އެ މީހުންނަށް މުޖުތަމައުގައި ކުރާ ގަދަރަށްވެސް އަސަރުކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"މިސާލަކަށް މަގުމަތިން ދަނިކޮށް މީހަކު ގޮވާލަފާނެ އެ ދަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެކޭ އޭނާ އޮތީ އަޅުގަނޑުމެން ގޭ ކުލި ނުދައްކައޭ،" ހަލީމް ވިދާޅުވި އެވެ.

މުސާރަ ކުޑަ ކުރި ބޭފުޅުން އެކަމުގައި މައްސަލައެއް ނުޖައްސާ އިރު ހަލީމް އެކަމާ ގުޅިގެން ދުސްތޫރީ މައްސަލައެއް ވެއްދި ހައިސިއްޔަތަކީ ކޮބައިތޯވެސް ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ހަލީމް ވިދާޅުވީ، މުޖުތަމައުގެ މަސްލަހަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ. މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންނާ އާންމުންނާ ދެމެދު ވަރަށް ބޮޑު މަސްލަހަތެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވާ ފަދަ މަސްލަހަތު ގެއްލޭ ކަމެއް ހިނގީތޯ ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގުމުގެ ކުރިން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނާ ހިލާފު ކަމެއް ކުރީމާ އެކަން ތަކުރާރު ނުވާނެ ގޮތަށް، މުޖުތަމައުގެ މަސްލަހަތަށް ޓަކައި ރައްޔިތުންގެ މަޖިލިސް ގާނޫނީ އިމުގެ ތެރެއަށް ވައްދެއްދުމަކީވެސް މުހިންމު މަގުސަދެއް ކަމަށް ވިދާޅުވި އެވެ.

މިއަދު މި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލަފަ އެވެ. ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި ހުކުމް ކުރާނެ އެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމި ރިޕޯޓު 21 މެއިގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މުސާރަ ކުޑަ ކުރި މީހުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭ ނަމަވެސް އެ ދެ ބޭފުޅުންގެ މުސާރައަކީ ގާނޫނުގައި ލިޔެވިގެންވާ މުސާރައެއް ކަމުން ގާނޫނު އިސްލާހުނުކޮށް މަޖިލީހަށް އެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް އެހެން ބައެއް ގާނޫނީ ބޭފުޅުންވެސް ވިދާޅުވެފައިވެ އެވެ.

ރައީސުޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ، 100،000 ރުފިޔާ އެވެ. ހަމަ އެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ ނައިބުގެ މުސާރައަކީ، 75،000 ރުފިޔާ ކަމަށެވެ.

comment ކޮމެންޓް