ސަރުކާރާ ދެކޮޅު މުޒާހަރާތަައް ވަރުގަދަވުމުން ތައިލެންޑްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފި

ތައިލެންޑްގެ އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ

ބެންކޮކް (އޮކްޓޯބަރު 15) : ތައިލެންޑްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން އެގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޮން އާ ދެކޮޅަށް އަޑުއުފުލައި އޭނާގެ މޮޓޯކޭޑަށް ހުރަސްއެޅުމުން ތައި ސަރުކާރުން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި އެވެ.

ރިޕޯޓްތަށް ބުނާ ގޮތުން ތައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުން މަނާ ވާގޮތަށެވެ. މީގެ އިތުރުން ގައުމީ ސަލާމަތަށް ގެއްލުންވާނެ ކަމަށް ބެލެވޭ ވާހަކަތައް ފެތުރުމާއި ސޯޝަލް މީޑީއާ މެދުވެރިކޮށް އެބާވަތުގެ މެސެޖްތަށް ފޮނުވުމާއި ޓެކްސްތައް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ތައިލެންޑްގެ ގާނޫނުތަށް ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުން ކޯޓު އަމުރަކާނުލައި 30 ދުވަހުގެ މުއްދަތަށް ބޭތިއްބުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ.

ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލިންކޮން އޭނާގެ ރަސްކަމުގެ ދަރުބާރުގައި

ތައިލެންޑްގައި އެގައުމުގެ ރަސްގެފާނަކީ "މުގައްދަސް" ފަރާތެކެވެ. ރަސްގެފާނަށް ފާޑުކިޔުމާއި ނުރުހުން ފާޅުކުރުމަކީ ގާނޫނީ ގޮތުން އަދަބު ދެވޭ ބޮޑު ކުށެކެވެ. ތައި ކުރީގެ ރަސްގެފާނު (މިހާރުގެ ރަސްގެފާނުގެ ބައްޕަ) ބުމިބޯލް އަދުލިޔަދެޖް އަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް ބުމިބޯލް އަވަހާރަވުމަށްފަހު ރަސްކަމަށް އިސްވެ ވަޑައިގެންނެވި އޭނާގެ ދޮށީ ފިރިހެން ދަރިކަލުން މަހާ ވަޖިރަލޮންކޮން އަކީ ރައްޔިތުންގެ މެދުގައި އެއްވެސް މަގްބޫލުކަމެއް ނެތް ބޭފުޅެކެވެ.

ވަޖިރަލޮންކޮން ގެ މަގްބޫލުކަން ނެތިގެންގޮސްފައި ވަނީ ވަލީއުލްއަހްދަުގެ މަގާމުގައި އޭނާ ހުންނެވި އިރުން ފެށިގެން ވެސް އޭނާގެ ސުލޫކާއި އުޅުއްވުން ގޯސްކަމުންނާއި ރައްޔިތުންނާ ގުޅުން ނެތުމުގެ ސަބަބުން ކަމަށްވެ އެވެ. ވަޖިރަލޮންކޮން އަކީ ރައްޔިތުންނާ އަޅާނުލައްވައި ކުޅިމަޖަލާއި އަންހެނުންގެ ދުނިޔެއެއްގައި އުޅުއްވާ ބޭފުޅެއް ކަމަށް ކުރިން ވެސް ނަންމަޝްހޫރު ބޭފުޅެކެވެ. އޭނާ ރަސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިކަންވަނީ ފާޅުކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ހާމަވެގެން ގޮސްފަ އެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޖެނެރަލް ބްރަޔަތް ޗާންއޮޗާ

މިދިޔަ ފެބްރުއަރީ މަހު ތައިލެންޑްގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ވަޖިރަލޮންކޮން ވަނީ 50 ވަރަަކަށް ޒުވާން އަންހެނުން ގޮވައިގެން މަޖާކުރުމަށާއި އުފާކުރުމަށް ޖަރުމަނުގެ ރެސޯޓަކަށް ވަޑައިގެންފަ އެވެ. އެރެސޯޓްގައި މި އަންހެނުންތަކާ އެކު ދައުލަތުގެ ޓެކްސް ފައިސާއާއި އާންދަނީ ބޭނުން ކުރައްވައިގެން ބޮޑެތި ޚަރަދުތަކެއް ކުރައްވައި ފައިސާތަށް އިސްރާފު ކުރައްވަމުން ގެންދަވާ މައްސަލާގައި ތައިލެންޑްގެ އާންމުންގެ ނުރުހުން އަދި ޚާއްސަކޮށް ޒުވާނުންގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. ވަޖިރަލޮންކޮން މިހަފްތާގައި ވަނީ ޖަރުމަނުން ފުރާވަޑައިގެން އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.

ތައިލެންޑްގެ ރަސްކަމުގެ ނިޒާމު އިސްލާހް ކުރުމަށާއި ޝާހީ އާއިލާގެ ތާއީދު ލިބިފައިވާ އެގައުމުގެ އަސްކަރީ ބޮޑުވަޒީރު މޭޖާ ޖެނެރަލް ބްރަޔުތު ޗާންއޮޗާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ ތައި ރައްޔިތުން މުޒާހަރާ ކުރަމުން ގެންދާތާ އެތަށް މަހެއް ވެފައިވެ އެވެ. ރަސްގެފާނު މަހާ ވަޖިރަލޮންކޮން އެނބުރި ގައުމަށް ވަޑައިގަތުމާ އެކު ތައި ރައްޔިތުން ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

މިއާއެކު ތައި ސަލާމަތީ ބާރުތަކުން މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާ މިންވަރު ވެސް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އިއްޔެވެސް ބެންކޮކްގައި އާންމުން ވަރުގަދަ މުޒާހަރާއެއް ކޮށްފައިވާއިރު ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. މުޒާހަރާކުރާ ޒުވާނުން ވަނީ ތައިލެންޑްގެ ރަސްކަމުގެ ނިޒާމު އިސްލާހު ކުުރުމަށްވެސް ގޮވާލާފަ އެވެ. މިއީ ކުރިން ތައި ރައްޔިތުން ގޮވާލާ ކަމެއްނޫނެވެ. ތައިލެންޑްގެ ތަރައްގީ އަށް އެޅިފައިވާ ހުރަހަކީ އެގައުމުގެ ބޯދާ ރަސްކަމުގެ ނިޒާމު ކަމަށް އެގައުމުގެ ޒުވާނުން މިހާރު ދެކެންފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް