ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އެހީ އިތުރު ފަސް ރަށަކަށް

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑްގެ ދަށުން ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކޮށްފައި --- ފޮޓޯ : ބީއެމްއެލް

ދެމެހެއްޓެނިވިގޮތުގައި ރަށްތައް ހިންގުމަށް އަމިއްލަ ފަރާތްތަކުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރާވާފައިވާ ޕްރޮޖެކްޓުތަކަށް އެހީތެރިވުމުގެ ގޮތުން، ކުރިއަށްގެންދާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ފަސް ރަށަކަށް އެ ފަންޑުގެ ދަށުން އެހީތެރިކަން ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވުނު ފަސް ރަށަށް ވުމުން ކަމަށެވެ.

އެ ރަށްތަކަކީ ރ. ކިނޮޅަހާއި ބ. ގޮއިދޫ އާއި ގއ. ކޮލަމާފުށްޓާއި ގދ. ނަޑެއްލާ އަދި ފުވައްމުލަކު ސިޓީއެވެ. އެ ރަށްތަކުން ބަލައިގަނެފައިވާ ޕްރޮޖެކްޓުތަކަކީ

  • ރ. ކިނޮޅޮހުގެ ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުން- ވާފިރު އަހުމަދު
  • ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުން - ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރުއޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުން - –ޝާމާ ތައްހާން
  • ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން - ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ
  • ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން - ފާތިމަތު ރަޝީދު


އެކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ގިނަ ރަނގަޅު ޕްރޮޕޯސަލްތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

ފަހުން ހޮވާފައިވާ ފަސް ރަށަކާއެކު މިހާރު ބީއެމްއެލްގެ އެ ޕްރޮޖެކްޓް 30 ރަށެއްގައި ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ފުރަތަމަ ދެ ފިޔަވަހީގައި ވަނީ 10 ޕްރޮޕޯސަލް ބަލައިގަނެފައެވެ. ބީއެމްއެލް އިން ބުނާގޮތުގައި ބާކީ އިން ތިންވަނަ ފިޔަވަހީގެ ދަށުން އެކަނިވެސް 10 ޕްރޮޕޯސަލް ބަލައިގަންނާނެއެވެ.

comment ކޮމެންޓް