ދަނޑުވެރިކަމުގެ ބިންތަކުން ކުރިއަށް އޮތް ތިން އަހަރު ކުލި ނުނަގާނެ: ރައީސް

ތޮއްޑޫގެ ދަނޑެއް-- ސަން ފޮޓޯ

ދަނޑުވެރިކަމުގެ ބިންތަކުން ކުރިއަށް އޮތް ތިން އަހަރު އެއްވެސް ކުއްޔެއް ނުނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއް ކަމަށެވެ.

މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ވިދާޅުވި އެވެ.

ހަމައެއާއެކު ދަނޑުވެރިކަން ފުޅާކުރަން އެހީތެރިވެދިނުމަށްޓަކައި އިތުރު ހަ ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ވައުދާ އެއްގޮތަށް ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން މީގެ ކުރިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ މިހާރު ކަނޑާލާފައިވާ ކަމަށެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް ދަނޑުވެރިކަމަށް ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕުރޮގުރާމުތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަންނީ މައުލޫމާތު ފެތުރުމުގެ މަސައްކަތް ވެސް އިތުރަށް ފުޅާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި ރަނގަޅު އަގުގައި ތާޒާކަމާއެކު ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަން ފާހަގަކުރެއްވި އެވެ. އަދި މި ދަތިކަން ހައްލުކޮށްދިނުމަށްޓަކައި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް އުފައްދާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމާ ގުޅޭ މަޝްރޫއުތަކަށް ބޭރުގެ އެހީދޭ ޖަމިއްޔާ، ޖަމާއަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މި އަހަރުގެ ދަނޑުވެރިންގެ ދުވަހަށް ވުމުގެ އިތުރުން މާދަމާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކާބޯތަކެތީގެ ދުވަސް ކަމަށްވުމާއެކު މި ދެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ދަނޑުވެރިންނަށާއި ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ރައީސް ވަނީ ތަހުނިޔާ ދަންނަވައި، ހެޔޮ އެދުންތައް ފޮނުއްވާފަ އެވެ.

ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަސް ފާހަގަކުރުމަށް 2009 ވަނަ އަހަރު ހަމަޖެއްސި ނަމަވެސް ފާއިތުވި އަހަރުތަކުގައި ތަފާތު އެކި ސަބަބުތަކާ ހުރެ މިދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެވެސް އެހެން ދުވަހެއްގަ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމުގައިވާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް އޮކްޓޫބަރު 15 ވަނަ ދުވަހު ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަގީންކަން،" މި ޝިއާރެވެ.

comment ކޮމެންޓް