ދަނޑަށް ހާޒިރު ނުވި މައްސަލައިގައި ޕޮއިންޓް އުނިކޮށް ނަޕޯލީއަށް އަދަބު ދީފި

ނަޕޯލީއާއި ޔުވެންޓަސް ކުޅެން އޮތް މެޗުގެ ކުރިން ޔުވެންޓަސްގެ ކުޅުންތެރިންނާއި، އޮފިޝަލލުން ދަނޑުގައި: އެ މެޗަށް ނަޕޯލީން ހާޒިރު ނުވުމުން އިޓާލިއަން ލީގުން ވަނީ އެ ޓީމަށް އަދަބު ދީފައި --- ފޮޓޯ//ގެޓީ އިމޭޖެސް

އިޓާލިއަން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ނަޕޯލީގެ ޓީމު ހާޒިރު ނުވުމުން އެ މެޗު ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމައި ނަޕޯލީގެ ޕޮއިންޓް އުނިކޮށްފި އެވެ.

ގެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ނަޕޯލީގެ ދެ ކުޅުންތެރިއަކާއި ކުލަބުގެ ސްޓާފް މެމްބަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެކުލަބުން ވަނީ މީގެ ދެ ހަފުތާ ކުރިން ހާމަކޮށްފަ އެވެ. އެއާ އެކު ޔުވެންޓަސްއާ ދެކޮޅަށް މެޗު ކުޅެން އިޓަލީގެ ޓިއުރިންއަށް އެ ޓީމު ދަތުރު ކުރުމަށް ސިއްހީ އިދާރާތަކުން ހުއްދަ ދީފައި ނުވުމުން އެ މެޗަށް ނަޕޯލީގެ ކުޅުންތެރިން ހާޒިރުވެފައެއް ނުވެ އެވެ.

އެހެން ނަމަވެސް މެޗު ކުޅެން ހަމަޖެހިފައި އޮތް ވަގުތަށް ވުރެން ތިން ގަޑިއިރެއްހާ ކުރިން އިޓާލިއަން ލީގުގެ އިންތިޒާމީ ކޮމިޓީން ނަޕޯލީ ދަނޑަށް ހާޒިރުނުވާނެ ކަމަށް ބުނާ މައްސަލަ ވަނީ ބަލައިނުގަންނަ ކަމަށް ނިންމާފަ އެވެ. އަދި އެ މެޗުން 0-3 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވީ ކަމަށް ނިންމާފައިވާ އިރު ނަޕޯލީގެ އަތުން ވަނީ އެއް ޕޮއިންޓް ވެއް އުނިކޮށްފަ އެވެ.

ކޮވިޑުގެ ބަހަނާއާ އެކު ނަޕޯލީން ދަނޑަށް ހާޒިރު ނުވި އިރު، އިޓާލިއަން ލީގުން ބުނީ ނަޕޯލީގައި އެއްވެސް އައިސޮލޭޝަނެއް ވާން ނުޖެހި ފިޓްކޮށް 13 ކުޅުންތެރިއަކު ތިބި ކަމަށާއި، އަދި ޓީމުގެ ކޯޗު ގަޓޫސޯ ވެސް ސަލާމަތުން ހުރުމުން ބެލެވެނީ ގަސްތުގައި ދަނޑަށް ނައީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނަޕޯލީއިން އެކަމަކުގެ ޝަކުވާތައް ހިފައިގެން ކޯޓު މަރުހަލާއަކަށް ވެސް ގޮސްދާނެ ކަމަށް ބެލެވިފައިވާ އިރު، އެ މެޗުގައި ކުޅުމަށް ޔުވެންޓަސްގެ ކޯޗު އަންދުރޭ ޕިރްލޯ ވަނީ މެޗުގައި އެ ޓީމު ކުޅޭނެ އެގާރަ ކުޅުންތެރިންގެ ސްކޮޑުވެސް އިއުލާން ކޮށް ދަނޑަށް ހާޒިރުވެފަ އެވެ.

ދުނިޔޭގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވި އެއްގައުމު ކަމަށްވާ އިޓަލީން އެ ބަލި ކޮންޓްރޯލް ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކަށް މިދޭތެރެއިން ވަނީ ލުއިތަކެއް ދީފަ އެވެ. އެއާ އެކު އަނެއްކާވެސް މިހާރު ވައިރަސް އެގައުމުގައި ފެތުރޭ މިންވަރު ވަނީ މައްޗަށް ދާން ފަށައިފަ އެވެ.

comment ކޮމެންޓް