ފްރާންސް އަދި ޕޯޗުގަލް މޮޅުވި އިރު އިންގްލެންޑް ބަލިވެއްޖެ

ނޭޝަންސް ލީގުގައި ރޭ އިނގިރޭސިވިލާތާއި ޑެންމާކް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//ލައިވްސްކޯ

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ފްރާންސް އަދި ބެލްޖިއަމް މޮޅުވި އިރު ޑެންމާކާއި ވާދަކޮށް އިންގްލެންޑް ބަލިވެއްޖެ އެވެ.

ނޭޝަންސް ލީގުގެ ދެވަނަ ސީޒަން ފަށައިގެން ކުރިއަށްދާ އިރު ރޭގެ މެޗުގައި ކޮވިޑް-19 ގެ ޝިކާރައަކަށްވުމުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މެޗުން ޕޯޗުގަލް ސްވިޑަންގެ މައްޗަށް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަން ފެނިގެން ދިޔަ އެ މެޗުން ލިބުނު މޮޅާ އެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ޕޯޗުގަލް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފަ އެވެ.

މެޗުގެ އެއް ދުވަސް ކުރިން ރޮނާލްޑޯ ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ސްކޮޑުން ވަނީ ބޭރުކޮށްފަ އެވެ. ނޭޝަންސް ލީގުގެ މިދިޔަ ސީޒަނުގައި ސްވިޑަން ކޮޅަށް ހެޓްރިކެއް ހެދި ރޮނާލްޑޯ މިވަގުތު އައިސޮލޭޝަންގައި ހުރި އިރު، އޭނާ ނެތްތަން ޕޯޗުގަލުން ވަނީ ފޫބައްދައިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ނޭޝަންސް ލީގުގައި ޕޯޗުގަލާއި ސްވިޑަން ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ޕޯޗުގަލް މޮޅުވީ 0-3 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

އެ މެޗުގައި ޕޯޗުގަލްގެ ގޯލުތައް ޖަހައިދިނީ ބާނޭޑޯ ސިލްވާއާއި ޑިއޭގޯ ޖޮޓާ އެވެ. ޖޮޓާ އެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާ ދެ ގޯލު ޖަހައިފަ އެވެ.

މީގެ އިތުރުން އެ ގުރޫޕުގައި ދެން ހިމެނޭ ފްރާންސާއި ކްރޮއޭޝިއާ ރޭ ކުޅުނު މެޗު 1-2 އިން ކާމިޔާބު ކުރީ ފްރާންސުންނެވެ. އެންމެ ފަހުގެ ވޯލްޑްކަޕު ފައިނަލުގައި ވެސް ވާދަކުރި މި ދެ ޓީމުގެ ވާދަވެރި ކުރިމަތިލުމުގައި ފްރާންސުން ކުރި ހޯދި އިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ.

އެންޓޮއިން ގްރީޒްމަން މެޗުގެ އަށްވަނަ މިނަޓުގައި ޖެހި ގޯލާ އެކު ފްރާންސުން ލީޑު ނަގާފައިވަނިކޮށް ކްރޮއޭޝިއާއިން ވަނީ ދެވަނަ ހާފުގެ 64 ވަނަ މިނަޓުގައި ނިކޮލާ ވިޔަސިޗްގެ ގޯލުން ނަތީޖާ އެއްވަރުކޮށްފަ އެވެ. އެހެން ނަމަވެސް މާގިނަ އިރުތަކެއް ނުވަނީސް ކިލިއަން އެމްބާޕޭ ވަނީ ފްރާންސަށް އަލުން ލީޑު ހޯދައިދީފަ އެވެ.

އެ މެޗުން ލިބުނު މޮޅާ އެކު ފްރާންސް އޮތީ ޕޯޗުގަލާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގަ އެވެ. ފައިދާ ގޯލު ގިނައިން އޮތް ޕޯޗުގަލް އެއްވަނައިގައި އޮތް އިރު ތިންވަނައިގައި ކްރޮއޭޝިއާ އޮތީ ތިން ޕޮއިންޓާ އެކު އެވެ.

އިނގިރޭސިވިލާތުގެ ހޯމް ސްޓޭޑިއަމުގައި ރޭ ޑެންމާކް އެ ޓީމުގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލަކީ އިންޓަމިލާނަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކްރިސްޓެން އެރިކްސަން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ.

ރޭގެ މެޗުން ބަލިވާން އިންގްލެންޑަށް ދިމާވި އެންމެ ބޮޑު ސަބަބަކީ މެޗުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާއަށް ދެ ކާޑު ހަމަވެގެން ރަތް ކާޑު ދެއްކުމުންނެވެ.

އެ ގްރޫޕުގައި ދެން އޮތް އައިސްލޭންޑާއި، ބެލްޖިއަމް ރޭ ކުޅުނު މެޗުން ބެލްޖިއަމް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބެލްޖިއަމުން ޖެހި ދެ ގޯލަކީ ވެސް އިންޓަ މިލާނުގެ ފޯވާޑް ރޮމެލޫ ލުކާކޫ ޖަހައިދިން ދެ ގޯލެވެ. އައިސްލޭންޑުން މެޗުގައި ޖެހި ހަމައެކަނީ ގޯލަކީ ސައެވާސަން ޖެހި ގޯލެކެވެ.

ނޭޝަންސް ލީގުގައި ބެލްޖިއަމްއާއި އައިސްލޭންޑް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ބެލްޖިއަމް ކުރި ހޯދީ 1-2 އިން --- ފޮޓޯ//ލައިވްސްކޯ

އެ މެޗުތަކުގެ ނަތީޖާއާ އެކު ބެލްޖިއަމް އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ޑެންމާކަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު އިންގްލޭންޑަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

comment ކޮމެންޓް