ށ. އަތޮޅުން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ށ. އަތޮޅާއި އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 07:45 އިން ފެށިގެން 11:45ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނާގޮތުގައި ޔެލޯ އެލާޓް ނެރެފައިވާ ސަރައްހައްދުކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ. އެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މިއަދުވެސް ކުރިއަށް އޮތްތަނުގައި މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ލަފާކުރާގޮތުގައި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ގޯސްވެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުން އެކަށީގެންވެ އެވެ.

comment ކޮމެންޓް